ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވި ކަދުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނަށް ބެހާ ކަދުރު އަންނަ ހޯމަ ދުވަހު ބެހުމަށް ނިންމައިފައިވާކަމަށް އައްޑޫސިޓި ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ކައުންސިލުން އިއްޔެ ނެރުއްވި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި، އައްޑޫސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުން ކުރިއަށް ގެންދަވާނީ އެސިޓީގެ އަވަށު އޮފީސްތަކުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.15 އިން މެންދުރު 13.00 ކަމަށެވެ. އަދި ކަދުރުބެހުން ކުރިއަށް ދާނީ ލިބިފައިވާ ކަދުރުތައް ބަހާ ހުސްވަންދެން ކަމުގައިވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫސިޓީގެ ގޭބިސީގެ ޢަދަދަކީ ޖުމްލަ 5346 އެވެ. އޭގެތެރެއިން އައްޑޫސިޓީ ރައްޔިތުންނަށް ބެހުމަށް ލިބިފައިވަނީ 2675 ޕަކެޓް ކަދުރެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް ބަހާނީ އެއް ޕެކެޓް ކަދުރުކަމަށް ކައުންސިލުން ވިދާޅުވެއެވެ. އައްޑޫސިޓީގެ ގޭބިސީތަކަށް ކަދުރު ބަހާނީ އެގޭބިސީއެއްގެ ސައްޙަކަން އަންގައިދޭ ލިއުމެއް ގެންނެވުމުން، އެލިއުމުގެ ސައްޙަކަން ބެލުމަށްފަހުކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އެގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރުބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދީގެންނެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، 1440 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވި ކަދުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނަށް ބެހުމަށް ދޫކުރާ ކަދުރު އައްޑޫސިޓީއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކައުންސިލުން ވިދާޅުވެއެވެ.
އައްޑޫސިޓި ކައުންސިލުން ކުރެއްވި އިއުލާނުގައި ވިދާޅުވެފައި ވަނީ މާލެ ސިޓީއާއި، އައްޑޫސިޓީއާއި، ފުވައްމުލަކުސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބެއްސެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވާފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީ ބެލުމަށްފަހު، 2018 ވަނައަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރުދޭ އުސޫލުން ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ގޭބިސީގެ ސައްޙަކަން ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނެއްނަމަ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ އެގެއެއް ހިމެނޭ ގޯތީގެރަޖިސްޓްރީގެ އަސްލަށް ވާންޖެހޭނެ ކަމަށެވެ. އަދި ކަދުރާއި ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންޖެހޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.