ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯޑްސްއަށް އޮންލައިންކޮށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސަޓާ އެވޯޑަށް ވާދަކުރާ ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުޞަތު އޮންލައިންކޮށް ހުޅުވާލާފައިވާއިރު، އަންނަ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ވޯޓުލުމުގެ ފުރުޞަތު އޮންނާނެކަމަށް ސަޓާ އެވޯޑްސް އިންތިޒާމްކުރާ ހައިރައިޒުން ބުނެއެވެ.
ސަޓާ އެވޯޑަށް ވާދަކުރާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އެވޯޑުގައި 10 ސެގްމަންޓަކުން 37 ކެޓަގަރީއަކުން އެވޯޑް ދޭއިރު، މިއަހަރުގެ އެވޯޑަށްވެސް 500 އަށްވުރެ ގިނަ ފަރާތުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދުތައް ހިމެނެއެވެ.
މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހު ސްރީލަންކާގައެވެ.
ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 4 ވަނަ އަހަރެވެ.