ސައިކަލުން ޑިއުޓީ ބޮޑު ނުކުރުމަށާއި، އަންނައުނުގެ ބާވަތްތަކުން ޑިއުޓީ ނުނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އިސްލާހް މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށައަޅުއްވާފައިވާ އެއިސްލާހް ފާސްވީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.މިއަދު ފާސްކުރި އެއިސްލާހުގައި ވާގޮތުން، ސައިކަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ %150 އިން %100އަށް ކުޑަކޮށް، އަންނައުނުގެ ބާވަތްތަކުން ނަގަމުންއައި ޑިއުޓީ %15އިން %0 އިންސައްތައަށް ކުޑަކުރެވޭނެއެވެ. އަދި ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން ސަތޭކަ ފަންސާސް އިންސައްތަ ޑިއުޓީއެއްނެގޭނެއެވެ.މިބިލަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް އެއިސްލާހަށް ތާއިދުކުރިއެވެ.މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކޮށްފައިވާ ސައިކަލާއި އަންނައުނުގެ ބާވަތްތަކަށް މި ގާނޫނު ފާސްވަންދެން ޑިއުޓީގެ ގޮތުގައި ދައްކާފައިވާ ފައިސާއިން އިތުރުވާ މިންވަރެއް އަނބުރާ އެފަރާތަކަށް ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ފަހުން އިދިކޮޅު މެމްބަރުން ރިޔާސަތަށާއި އިދާރީ މޭޒަށް ހުރަސް އަޅަމުން ގެންދެވިނަމަވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ އިދިކޮޅު ފަރާތްތަކަށް ރިޔާސަތަށާއި އިދާރީ މޭޒަށް ހުރަސް ނޭޅޭނެގޮތަށް މަޖިލީހުގެ ޗެމްބަރުގައި، ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހާއްސަކޮށްފައިވާ ސެކިއުރިޓީން ބައިތިއްބައިގެންނެވެ.ސަލާމަތީ ކަންތައް ބަލަހައްޓާ މީހުން ތިބީ، އެއްވެސް މެންބަރަކަށް ރިއާސަތުގެ މޭޒާ ކައިރި ނުވެވޭނެ ގޮތަށް ބަންދުކޮށްގެންނެވެ.މަޖިލީހަށް ދުންމާރި އާއި ތާޅަފިލި ފަދަ ތަކެތި ވެއްދުން މަނާކޮށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން އެފަދަ ތަކެތި ބޭނުންކޮށްފައި ނުވިނަމަވެސް ޓެރަރިޒަމްގެ ކުށުގައި ޖަލަށްލާން ހުކުމްކޮށްފައިވާ އެޕާޓީގެ ރައީސް ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައިވެއެވެ.