ވިޔަފާރި

ޗައިނާ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ


ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ. ޗައިނާއަކީ ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޙިދުމަތްދޭ، ސީޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އާއި ގުޅިގެން ނެރެފައިވާ ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައިވާގޮތުން ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި ހަތަރުވަނަ އަށް އެންމެ މަޤްބޫލް މަންޒިލެވެ.

ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލަކީ ތައިލޭންޑެވެ. ދެން އެންމެ މަޤްބޫލް މަންޒިލަކީ ޖަޕާނެވެ.

މި ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރު ސީ-ޓްރިޕްގެ ކަސްޓަމަރުންގެ އަދަދުވަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު %180 އިތުރުވެފައެވެ.

ޗައިނާއަށް ބަލާއިރު، ޗުއްޓީ ހޭދަކުރުމަށް ޤައުމުން ބޭރަށް ދާ ފަރާތްތަކުގެ ތެރޭގައި ގިނައީ އަންހެން ފަތުރުވެރިންނެވެ. އެގޮތުން ޤައުމުން ބޭރަށް ދާ ފަރާތްތަކުގެ ތެރެއިން %56 އަކީ އަންހެން ފަތުރުވެރިންނެވެ. އަދި %44 އަކީ ފިިރިހެން ފަތުރުވެރިންނެވެ.

ޗައިނާ ފަތުރުވެރިންގެ ތެރޭގައި ގިނައީ 31 އަހަރާއި، 40 އަހަރާއި ދެމެދުގެ ފަތުރުވެރިންނެވެ. އެގޮތުން ޤައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށްދާ ފަތުރުވެރިންގެ ތެެރެއިން %24 އަކީ އެ އުމުރު ފުރައިގެ ފަތުރުވެރިންނެވެ.

އަދި އެންމެ ގިނަ އަދަދަކަށް ޤައުމުން ބޭރަށް ދަނީ، ލޯބިވެރިންނާއި، އާއިލާ މީހުންނާއިއެކު ޗުއްޓީ ހޭދަކުރުމަށް ދާ މީހުންނެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށްވާއިރު، ހުސްވި އަހަރުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް، 372،448 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.