ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ޢާމްދަނީ އިތުރުވެއްޖެ


ގެސްޓްހައުސްތަކުން ދައުލަތަކަށް ގްރީން ޓެކްސްގެގޮތުގައި ލިބުނު ފައިސާގެ ބޮޑުތަނުން އިތުރުވެއްޖެއެވެ. މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާރޗުމަހު ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު ފަސްދޮޅަސްނުވައެއް އިންސައްތަ ވަނީ އިތުރުވެފައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗުމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 83،176،441 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ފެބްރުއަރީމަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ 79،732،732 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، %4.3 އިތުރު ޢަދަދެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި އެއް އަތޮޅަކުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 27 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ޢާމްދަނީ ލިބިފައިވަނީ، އދ.އަތޮޅުންނެވެ. އެއީ10.5 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ އެއީ 6.2 މިލިއަން ރުފިޔާއެވެ.

ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ ތެރެއިން ރިސޯޓްތަކުން މާރޗުމަހު ގްރީން ޓެކްސްގެ ގޮތުގައި 73.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ހޮޓާތަކުން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ގެސްޓްހައުސްތަކުން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ގެސްޓްހައުސްތަކުން މިއަހަރުގެ ފެބްރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 2.5 މިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ސަފާރީ އުޅަނދުތަކުން ގްރީން ޓެކްސްގެ ގޮތުގައި 3.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.