ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުކަމަށެވެ. މިގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ.
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ:-
- ހެނދުނު 9:00 އިން މެންދުރު 12:00 އަށް
- މެންދުރު 13:00 އިން 14:30އަށް
- ރޭގަނޑު 20:30 އިން 22:30 އަށް
މި ފުރުޞަތު ހުޅުވާލާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 3 ވަނަ ދުވަހަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލިނަމަވެސް އެ މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކުމުގެ ފުރުޞަތާއި އުރީދޫ އާއި ދިރާގު ކަސްޓަރމަރުންނަށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
ރަމަޟާންމަހުގެ އެކަކުން ފެށިގެން 16ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި އެއްމިލިއަން ހަ ސަތޭކަ ފަންސާސް ފަސްހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ ވަނީ ލިބިފައެވެ.