ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް މުބާރާތުގައި ޕަޓާސް ބަލިކޮށް މާކަރީ ޔުނައިޓެޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި. މާކަރީ ޔުނައިޓެޑް ރޭ ފަޓާސް އާއި ބައްދަލުކުރި މިމެޗު ކާމިޔާބުކުރީ 3-0. މިމެޗުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖާ ހިސާބުން ޕަޓާސް ވަނީ ކަޓާފައެވެ.
މި މެޗަށް މި ދެ ޓީމް ނުކުތްއިރު ޕަޓާސް ވަނީ ކުރިން ކުޅުނު ދެމެޗުން ބަލިވެފައެވެ. މާކަރީ ޔުނައިޓެޑު ވަނީ ދެމެޗު ކުޅެ އެއްމެޗުން ބަލިވެ އަނެއް މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިފައެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާކަރީ ޔުނައިޓެޑުގެ ޖާޒީ ނަމްބަރ 17 ޙަސަން ޢަބްދުއްޞަމަދެވެ. އޭނާވަނީ މި މެޗުގައި ދެ ލަނޑު ޖަހައިދީފައެވެ. އަނެއް ލަނޑު ޖަހައިދިނީ އެޓީމުގެ އިބްރާހީމް ރިމާހު އެވެ.
މަކަރީ ޔުނައިޓެޑާއި ޕަޓާސް ގެ އިތުރަށް ގްރޫޕް އޭ ގައި ހިމެނޭ އަނެއް ދެޓީމަކީ އެންމެފަހު ދެ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމައްޗާއި، އެފްސީ ސްޕްރިންޓެވެ. އެފްސީ ބޭރުމަތި ވަނީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.
އެފްސީ ސްޕްރިންޓް ވަނީ ކުޅުނު ތިން މެޗުން އެއް މެޗު ކާމިޔާބުކޮށް ޖުމްލަ ތިން ޕޮއިންޓް ހޯދާފައެވެ. އަދި ރޭ މެޗުން މާކަރީ މޮޅުވުމާއެކު ސްޕްރިންޓްވެސް ވަނީ މުބާރާތުން ކަޓާފައެވެ.