ޚަބަރު

ފަލަސްޠީންގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ރާއްޖެއިން ވޯޓު ދީފި


ފަލަސްޠީންގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ވޯލްޑް ހެލްތް އެސެމްބްލީން ނިންމި ނިންމުމާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓް ދީފިއެވެ.

ފަލަސްޠީންގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ރާއްޖެއިން ވޯޓު ދީފައިވަނީ ޖެނީވާގައި މިހާރު ކުރިއަށްދާ ވޯރލްޑް ހެތް އެސެމްބްލީގެ 72 ވަނަ ބައްދަލުވުމުގައެވެ.

މި ނިންމުމާ އެއްކޮޅަށް ރާއްޖެ ހިމެނޭހެން 96 މެމްބަރު ޤައުމަކުން ވޯޓު ދީފައިވެއެވެ. އަދި މި ނިންމުމާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ޤަޢުމުތައް ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އާއި ކެނެޑާއާއި ބްރެޒިލް ހިމެނޭގޮތަށް 11 ޤައުމަކުން ވޯޓުދީފައިވެއެވެ.

މި އެސެމްބްލީގައި ވަނީ އިސްރާއީލުން އަޅުވެތިކޮށްފައިވާ ފަލަސްޠީންގެ ސަރަހައްދުތަކުގެ ސިއްޙީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއަށް ގޮވާލާ ތައްޔާތުކޮށްފައިވާ ރިޕޯޓްގައިވާ ކަންކަމާމެދުވެސް މަޝްވަރާކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފަލަސްތީނު ސަރަހައްދުތަކުގެ ދިރިއުޅުމުގެ ޙާލަތާއި އޭގެ ސަބަބުން ކުރިމަތިވެފައި ސިއްޚީ މައްސަލަތަކާއި ގުޅޭގޮތުން އަލިއަޅުވާލާފައިވެއެވެ. އަދި ޣާޒާގެ ބޯރޑަރގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހައްޔަރުވެފައިވާ ފަލަސްޠީންގެ ރެފިއުޖީންގެ ހާލަތާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ޤައިދީންގެ ހާލަތުވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި މައްސަލަތަކާއި ސިއްޙީ ހާލަތު ރަނގަޅުކުރުމަށް މިހާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި މެމްބަރު ޤައުމުތަކުން ހުށަހަޅާކަންތައްތައް ވެސް ވަނީ ހިމަނާފައެވެ.