ކުޅިވަރު

ސަރަހައްދީ ގައުމްތަކުން ކިޔެވުމަށް ވުރެއް ޓީޓީ ކުޅެން އިސްކަންދޭ - ޝިއުރީ


ޒުވާން އުމުރުގައިވެސް ސަރަހައްދީ ޤައުމުތަކުން ޓީޓީގައި ކުރިއެރުން ހޯދާ މައިގަނޑު ސަބަބަކީ ކިޔެވުމަށްވުރެ ކުޅިވަރަށް އިސްކަންދީގެން ކުޅުންތެރިން ތަމްރީންވުންކަމަށް އިބްރާހިމް ޝިއުރީ ބުނެފިއެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު ރާއްޖޭގެ ދީމާ އަލީވަނީ ސަރަހައްދީ ލެވެލްގައި ޓޭބަލް ޓެނިހުން ބޮޑު ކާމިޔާބީތަކެއް ހޯދާފައިއެވެ. އަދި ދާދި ފަހުން އޭނާވަނީ އޭޝިޔާ ހޯޕްސްގެ ފައިނަލްގައިވެސް ވާދަކޮށްފައިއެވެ. ދީމާގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ ފައިނަލްގައި ދީމާ އަތުން މޮޅުވި އިންޑިޔާ ކުޅުންތެރިޔާވަނީ ސައުތް އޭޝިއަން ހޯޕްސްއަށްފަހު މިދިޔަ ހަތަރުމަހު އެތައް މެޗެއް ކުޅެ އެތައް ތަމްރީންތަކެއް ހަދާފައިކަމަށެވެ.

އެ ކުޅުންތެރިން ކިޔަވަނީ ސްޕޯޓްސް ސްކޫލްތަކުގައިކަމުން ކިޔެވުމާއި ގުޅުން ހުރިކަންކަން އަންނަނީ ތަމްރީންތަކަށްފަހުކަމަށެވެ. ޝީއުރީ ބުނީ ރާއްޖޭގައި ކިޔަވަމުން ކުޅެން ވަގުތު ހުސްކުރުމަކީ އުނދަގޫކަމެއްކަމަށާއި، އެހެންނަމަވެސް މި އުނދަގޫތަކާއިއެކުވެސް އިންޑިޔާ ކުޅުންތެރިޔާއަށް ވަރުގަދަ ފައިޓެއްދީ ދެވަނަ ހޯދުމަކީވެސް ބޮޑު ކާމިޔާބެއްކަމަށެވެ. ރަނގަޅު ކާމިޔާބީތައް ހޯދަމުން އަންނަ މި ދަނޑިވަޅުގައި ދީމާ ކެނޑިނޭޅި ތަމްރީން ހަދައި ކުރިއެރުން ހޯދުން މުހިންމުކަމަށްވެސް ޝިއުރީ ފާހަގަކުރިއެވެ.

ޝިއުރީގެ ކޯޗުކަމުގެ ދަށުން ދިމާ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖޫން މަހު އޮންނަ ވޯލްޑް ހޯޕްސްއަށް. އަދި އޭގެ ފަހުން އޭނާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ދިވެހި ޓީމާއިއެކު ވާދަކުރާނެއެވެ.