ވޭތުވެދިޔަ ދެތިން އަހަރުދުވަހުގެ ތެރޭ 40 ރަށަކަށް 90 ފެން ހިންދާ ޕަމްޕު ފޮނުވާފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމަން އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެކްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ ރާއްޖެއަށް އެކި ދުވަސް ވަރު ކުރަމުންދާ ވިއްސާރާއިގައި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެ އޮތީރިޓީން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ވޭތުވެ ދިޔަ އަހަރުތަކުގައިވެސް ފެން ހިނދުމަށް އެކި ރަށްރަށަށް ގިނަ އަދަދެއްގެ ޕަމްޕު ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް މި ޕަންޕުތައް ބޭނުންކުރުމަށްފަހު އެކަށީގެންވާ ގޮތެއްގައި ސާކުކޮށް ބެލެހެއްޓެމުން ނުދާތީ ބައެއް ރަށްރަށުގައިހުރި ޕަންޕުތަކުގައި މެއިންޓެނެންސް މައްސަލަތައް ދިމާވާކަން ފާހަގަކުރެވޭ ކަމަށެވެ.
އުމަރު ފިކުރީ ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ އޮތޯރިޓީން ފެންބޮޑުވާ ރަށްތަކުގެ ދިރާސާއެއްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި ދިރާސާގައި އެފަދަ ޕަމްޕުތައް ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަންތަނާއި އެއްރަށުން އަނެއްރަށަށް ގެންދަންޖެހޭ ހާލަތްތަކުގައި ފަސޭހައިން ގެންދެވޭނެ ގޮތުގެ ދިރާސާވެސް ކުރުމަށްހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްތަކުގައި ދާއިމީ ގޮތެއްގައި މިފަދަ ތަކެތި ބެހެއްޓުމަށް އަބަދުވެސް މަަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް އެކި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ އެކި ގެއްލުންތައް ލިބެމުންދެއެވެ.