މިއަހަރުގެ ފުރަތަމަ ފަސްމަސް ދުވަހުގެތެރޭ ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 44.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ރެމިޓެންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކުހެކެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިއަހަަރުގެ މޭމަހުގެ ތިރީސް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަސް ނިމުނު އިރު ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ.
މި ތަފާސް ހިސާބުތަކަށް ބަލާލާއިރު މަހެއްގެ ތެރޭގައި ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަށް 10 މިލިއަން ރުފިޔާއެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައެވެ.
ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.