ސިޔާސީ

4 އަހަރު ތެރޭގައި ހޯދި ކާމިޔާބުތަކަށް އދ. ގައުމުތަކުގެ ތައުރީފު


އިންސާނީ ހައްގުތަކުގެ ދާއިރާއިން ފާއިތުވި 4 އަހަރު ދުވަހު ރާއްޖެއިން ހޯދާފައިވާ
ކާމިޔާބީތަކަށް އދ. ގެ ގިނަ މެމްބަރު ގައުމުތަކުން ތައުރީފް ކޮށްފިއެވެ.



ރާއްޖޭގެ ޚާރިޖިއްޔާގެ އޮފިޝަލުން ވިދާޅުވިގޮތުގައި ސަތޭކައަށްވުރެ ގިނަ
ގައުމުންވަނީ އިންސާނީ ހައްގުތަކުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ
ކުރިއެރުންތަކަށް ތަޢުރީފްކޮށްފައެވެ.



ދިވެހި ރާއްޖެއިން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެތެރޭފައި ހޯދާފައިވާ
ކާމިޔާބުތަކުގެތެރޭގައި،



ސިއްހީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއާއި، ރައްޔިތުންނަށް ހެޔޮ އަގުގައި
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުންކޮށްފައިވާ މަސައްކަތްތަކާއި، ޤާނުނީ
އޮނިގަނޑު ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަށް
ފާހަގަކޮށްފައިވެއެވެ.



އެގޮތުން އަންހެނުންނަށް ގެވެށި އަނިޔާކުރުން ހުއްޓުވުމާބެގޭ ޤާނޫނާއި،
ޖިންސީ ގޯނާ ކުރުން ހުއްޓުވުމާއި ބެހޭ ޤާނޫނާއި، އަނިޔާކުރުން ހުއްޓުވުމާއި ބެހޭ
ޤާނުނާއި، "އެންޓި-ޓްރެފިކިންގ" ޤާނުނު އަދި މަސްތުވާ ތަކެއްޗާއި ބެހޭ
ޤާނޫނު މެމްބަރު ގައުމުތަކުން ފާހަގަކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް
ހިމާޔަތްކުރުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން
ހޯދާފައިވާ ކުރިއެރުންތައްވެސް ޤައުމުތަކުން ފާހަގަކޮށްފައިވެއެވެ.



ކުރު މުއްދަތެއްގެތެރޭގައި ރާއްޖެއިން އެކި ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް
ފާހަގަކޮށްފައިވާއިރު، ބައެއ ގައުމުތަކުން ވަނީ، ޖުޑިޝަރީއަށް
އިސްލާހްގެންނަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.



ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ބައިނަލް އަގުވާމީ މުޖްތަމައަށް
ކަށަވަރުކޮށްދެއްވީ، ރާއްޖޭގެ ޖުޑީޝަރީއަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމުގެ
މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.



ޖުޑިޝަރީއަށް އަމާޒުވި ސުވާލުތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ކުރީގެ
ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިގައިދިޔަ ޝަރީއަތާއިގުޅޭގޮތުންނެވެ.



ދުންޔާ ވިދާޅުވީ، ރައީސް ނަޝީދު ގާނޫނާއި ޚިލާފަށް ކުރައްވާފައިވާ ކަންކަން
ކުރައްވާފައިވަނީ ދުވާލުގެ އަލީގައި ކުރާފަދަ ހާމަކަންބޮޑުގޮތެއްގައި އަދި
ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ލޯތަކުގެ ކުރިމަތީގައިކަމަށްވާއިރު، އަދި އެކަން
ގައުމުތަކުން ކުށްވެރިވެސްކޮށްފައިވާއިރު، ސިޔާސީގޮތުން އެޝަރީއަތުގެ މައްޗަށް
ސަރުކާރުން ނުފޫޒުފޯރުވާކަމުގެ ވާހަކަތައް ދެއްކުމުގެ ޖާގައެއް ނެތްކަމަށެވެ.



ރޮއިޓަރސްގައި ވާހަކަފުޅުދައްކަވަމުން ޚަރިޖީވަޒީރު ވިދާޅުވީ ރައީސް ނަޝީދުގެ
މައްސަލާގައި އިސްތިއުނާފްކުރެވެން އެމަނިކުފާނަށް އޮއްވައި އަދި އެކަންހިގާގޮތް
ބަލަން ބައިނަލްއަގުވާމީ މުޖްތަމައަށް ދިވެހި ސަރުކާރުން ދައުވަތުދީފައިވަނިކޮށް
އިސްތިއުނާފް ނުކުރައްވަން ރައީސް ނަޝީދު ނިންމެވީ އެމައްސަލާގައި އެމަނިކުފާނުގެ
ފަރާތްޕުޅުން ދައްކަވަންހުރި ވާހަކަތައް ބަލިކަށިވުމުންކަން ގަބޫލުފުޅު
ކުރެއްވޭކަމަށެވެ. މިއަދުވެސް ރައީސް ނަޝީދަށް އިސްތިއުނާފްކުރުމުގެ ފުރުސަތު
އެބައޮތްކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.



ހައިކޯޓްގައި އިސްތިއުނާފްކުރުމުގެ ފުރުސަތު ނަޝީދަށް ގެއްލިފައިވީނަމަވެސް
ސްޕްރީމްކޯޓްގައި އެމައްސަލަ އިސްތިއުނާފްކުރުމުގެ 60 ވަހުގެ މުއްދަތު އަދި
ހަމައެއް ނުވޭ.