ވިޔަފާރި

ދެ ސަރަޙައްދެއްގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ޤާއިމްކުރުމަށް މަސައްކަތްތަކެއް ފަށައިފި


ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް ފައިދާކުރާނެ ކަމެއްތޯ ބެލުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ އިހަވަންދިއްޕޮޅުގައި އަދި ރާއްޖޭގެ ދެކުނުގައި ބަންކަރިންގ ފެސިލިޓީއާއެކު ޓްރާންސްޝިޕްމަންޓް ބަނދަރުތައް ތަރައްޤީކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް ފައިދާކުރާނެ ކަމެއްތޯ ބެލުމަށް ޓަރމްސް އޮފް ރިފަރެންސް، ޓީއޯއާރު އަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފީސަބަލް ގޮތަކަށް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ޓެކްނިކަލް އެކްސްޕަޓީސް ހޯދަންވެގެން ހުޅުވާލަނީ މި، ޓީއޯއާރު އަށް މި ހުޅުވާލަނީ އިހަވަންދިއްޕޮޅުގަ އަދި ރާއްޖޭގައި ދެކުނުގައިވެސް ޝިޕިންއާއި ބެހޭ އެއްވެސް ކަމެއް ކުރެވިދާނެ ތޯ،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުންވެސް އިހަވަންދިއްޕޮޅުގައި ބަންކަރިންގ ފެސިލިޓީއާއި އެކު ޓްރާންސްޝިޕްމަންޓް ބަދަރެއް ތަރައްޤީކުރުމުގެ މަޝްރޫއެއް ކުރިއަށްގެންދިޔުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް އޭރު އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގޮތް ފީސަބަލް ނޫންކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން އެކަން ކުރައްވާފައި އޮތްގޮަތަށް ބަލާއިރު، އަދި ފީސަބަލް ކަމެއް ގޮތަށް ނުފެނޭ، އެހެންވީމަ އަޅަގަނޑުމެން މިބަލަނީ ކިހިނެތްތޯ އެކަން ފީސަބަލް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދެވޭނީ،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޟް ވިދާޅުވީ މިކަމަކީ ފީސަބަލް ކަމަކަށް ވެއްޖެނަމަ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި މި ސަރުކާރުން ކަންތައްތައް ކުރިއަށްގެންދާނީ ރަނގަޅަށް ޕްލޭންކޮށްގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ ރައީސް ވަޙީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ތަރައްޤީކުރުމަށް މަޝްވަރާތަކެއްކޮށް، ދިރާސާތަކެއްކުރިއެވެ. އެގޮތުން ތިލަފުށްޓާއި އިހަވަންދިޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް ދިރާސާތަކެއްވެސް ކުރިއަށްގެންދިޔައެވެ.