ސަރުކާރާ ދެކޮޅަށް މިމަހުގެ
އެއްވަނަ ދުވަހު ކުރި މުޒާހަރާގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ މުއްޒަފުން ވަޒީފާއިން
ވަކިކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީއާއި އަދާލަތު ޕާޓީގެ އޮފިޝަލުން
ވިދާޅުވީ މުޒާހަރާއާއި ގުޅިގެން މިހާތަނަށް 12 މީހަކު ވަޒީފާއިން
ވަކިކޮށްފައިވާކަމުގެ މަޢުލޫމާތު އެދެޕާޓީއަށް ލިބިފައިވާކަމަށާއި ބައެއް
ފަރާތްތަކުގެ މަޤާމް ދަށްކޮށްފައިވާކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާކަމަށެވެ.
އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ލޯޔަރުން މެދުވެރިކޮށް އެފަރާތްތަކުގެ
ހައްޤުތައް ހޯދުމަށް އެދެޕާޓީން މަސައްކަތްކުރާނެކަމަށްވެސް އެމްޑީޕީންވަނީ
ބުނެފައެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނުން
މީގެކުރިން ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުންތަކެއް މުޒާހަރާއަށް
ނުކުމެފައިވާކަމުގެ ޝަކުވާތަކެއް ލިބިފައިވާކަމަށާއި ކުންފުނީގައި މުވައްޒަފުން
އަމަލުކުރަން ކަނޑައަޅާފައި ހުންނަ ގަވާއިދުތަކާއި ޚިލާފްކަންތަކެއްތަކެއް
ހިންގާފައިވާކަން ފާހަގަކުރެވޭނަމަ ފިޔަވަޅު އަޅާނެކަމަށެވެ.