ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ބަޙުސެއް ބޭއްވުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުން ނިންމައިފިއެވެ.ޕީއެސްއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމުގެ ބޭނުމަކީ، އިންތިޚާބު ބޭއްވޭ ދާއިރާގެ ރައްޔިތުންނަށް އެކުންފުނީގެ ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ކެންޑިޑޭޓުން ތައާރަފްވެވަޑައިގަތުމުގެ ފުރުޞަތު އެރުވުމާއި، ދާއިރާގެ ތަރައްގީއާމެދު އެ ކެނޑިޑޭޓުންގެ ވިސްނެވުން ހުރި ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމުގެ ފުރުޞަތު އެރުވުންކަމަށެވެ.ޕީއެސްއެމުން ދެކޭގޮތުގައި އެކުންފުނީގެ ޗެނެލްތަކުން މިފަދަ ފުރުސަތު ކެންޑިޑޭޓުންނަށް ލިބިދިނުމަކީ ވޯޓްދޭ ކޮންމެ ރައްޔިތަކަށްވެސް އެރައްޔިތަކު ވޯޓްދެއްވާނެ ކެންޑިޑޭޓެއް އަމިއްލަފުޅަށް ނިންމެވޭވެރަށް ކަމާގުޅޭ މަޢުލޫމާތު ލިބިދީގެން މަސައްކަތްކުރުންކަމަށް އެކުންފުނިން ބުނެއެވެ.މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖޫންމަހުގެ އެކެއްވާ ހޯމަދުވަހުގެ ރޭ ނުވަގަޑި ސުންމިނެޓުގައެވެ.މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ މެދުގައި ކުރީގެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމްބީސީންވެސް ބަހުސް ބާއްވާފައިވެއެވެ.ޕީއެސް އެމުން ބުނީ، ދިއްގަރު ދާއިރާގެ ބަހުސްގައި ބައިވެރިވުމަށް އެ ދާއިރާއަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ދަޢުވަތު އަރުވާފައިވާކަމަށާއި، އެކެންޑިޑޭޓުނާއި، ނުވަތަ އެކެންޑިޑޭޓުންގެ އެޖެންޓުންނާއި ޕީއެސްއެމުން ބައްދަލްކޮށް މަޢުލޫމާތު ދީފައިވާކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ. އަދި މިބަހުސްގެ އިތުރުން ކެންޑިޑޭޓުންނަށް ޓީވީ މޯލްޑިވްސްގެ ރާއްޖެ މިއަދު ޕްރޮގްރާމުންނާއި، އެހެން ބައެއް ގޮތްގޮތަށް ފުރުޞަތު އެރުވުމަށް ހަމަޖެހިފައިވަކަށާއި، އިންތިޚާބާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން ޚާއްޞަ ޕްރޮގްރާމް ގެނެސްދެވޭނެކަމަށްވެސް ޕީއެސްއެމުން ބުނެއެވެ.ދިއްގަރު ދާއިރާގެ ބަހުސް ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްއާއި، ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.ދިއްގަރު ދާއިރާގެ ބައި- އިލެކްޝަން އޮންނާއި ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމްގެ މައްޗަށް ހިޔާނާތުގެ ކުށްސާބިތުވެ ފަންސަވީސް އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ. ދިއްގަރު ދާއިރާއަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވެއެވެ.