މަނަފަރު ރިސޯޓުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މުވައްޒަފުން ވަޒީފައިން ވަކިކުރަން ނިންމި ނިންމުން އަބުރައި ގެންގޮސް، އެއްވެސް މުވައްޒަފަކު ވަޒީފައިން ވަކިނުކުރަން އެރިސޯޓުން ނިންމައިފިއެވެ.
އެގޮތަށް ނިންމިކަން ހާމަކުރީ މަނަފަރު ރިސޯޓަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަޑައިގެން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. މިނިސްޓަރ ޢަލީ ވަހީދު ވަނީ ރިސޯޓަށް ވަޑައިގެން ރިސޯޓުގެ މެނޭޖުމަންޓާއި މުވައްޒަފުންނާ ވަކިން ބައްދަލުކުރައްވާފައެވެ.
ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މަނަފަރު ރިސޯޓްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބަދަލުކޮށް، ވަޒީފާއިން ވަކިކުރުމަށް މުވަޒަފުންނަން ދިން ސިޓީތައްވެސް މިހާރުވަނީ އަބުރައި ގެންގޮސްފައިކަމަށެވެ.
މިއަހަރު މަނަފަރު ރިސޯޓްގެ މާލީހާލަތު ދަށްވެގެން ކަމަށްބުނެ އެ ރިސޯޓުންވަނީ، ވަޒީފާ އަދާ ކުރަމުންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމަށް ކުރިން ނިއްމާފައެވެ. އެއާއެކު ވަޒީފާއިން ވަކި ކުރި މުވައްޒަފުން ދިޔައީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންނެވެ. މިހަޅުތާލުގައި ބައެއް މުވައްޒަފުންގެ ހާލު ސީރިއަސްވެ އެ ރިސޯޓުން ވަނީ އެމުވައްޒަފުންނަން ފަރުވާވެސްދީފައެވެ.
މިމައްސަލައާގުޅިގެން އެ ރިސޯޓަށް ވަޑައިގަތުމަށްފަހު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، މާލީ ހާލަތު ދަށްވުންފަދަ ކޮންމެ ހާލަތެއް ދިމާވި ކަމުގައިވިޔަސް އެއްވެސް ބަޔަކަށް ޤާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރުމުގެ ބާރު ލިބިދީފައި ނުވާނެކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޯގަަސްޓު މަހުގެ އިންސްޕެކްޝަން ރިކޯޑްތައް ދައްކާ ގޮތުން މަނަފަރު ރިސޯޓުގައި ދިވެހިންގެ ރޭޝިއޯ 60 އިންސައްތައަށްވުރެ މައްޗެވެ. މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީގައި ހެދި ސޭފްޓީ އޮޑިޓުން ދައްކާ ގޮތުގައި އެރިސޯޓުގައި %56 ގައި ދިވެހިންގެ ރޭޝީއޯ ހިފެހެއްޓިފައިވާކަމަށެވެ.