ވިޔަފާރި

ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓްރީކޮށްފައިވާ އެނދުގެ އަދަދު %13 އިތުުރުވެއްޖެ


ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގައިވާ އެނދުގެ އަދަދު 13 އިންސައްތަ އިތުުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މޭމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ސާޅީސް އަށް ހާސް ފަސް ސަތޭކަ ތިރީސް ނުވަ އެނދުވަނީ ރަޖިސްޓްރީކޮށްފައެވެ. ހުސްވި އަހަރު ނިމުނު އިރު ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓްރީކޮށްފައިވާ އެނދުގެ އަދަދަކީ ސާޅީސް ތިން ހާސް ފަންސާސްއެވެ.

މި މުއްދަތުގައި ބެޑް ކެޕޭސިޓީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ރިސޯޓްތައް އަދި ގެސްޓް ހައުސްތަކުގެ ކެޓަގަރީންނެވެ. އެގޮތުން ހުސްވި އަހަރު ނިމުނު އިރު ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީ ހުރީ ތިރީސް ހާސް ފަސް ސަތޭކަ ސާޅީސް ފަހެއްގައެވެ. އެހެން ނަމަވެސް މިއަހަރުގެ މޭމަހުގެ ނިޔަލަށް ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީވަނީ ތިރީސް ތިން ހާސް ދުއިސައްތަ ފަންސާހަށް އަރާފައެވެ. އަދި ގެސްޓް ހައުސްތަކުގެ ބެޑް ކެޕޭސިޓީ ވަނީ އަށްހާސް ސަތާރައިން އަށް ނުވަ ސަތޭކަ އަށާރައަށް އިތުރުވެފައެވެ.

މޭމަހުގެ ނިޔަލަށް އެވްރެޖްކޮށް ސާޅީސް ފަސް ހާސް ހަތަރު ސަތޭކަ ތިރީސް ހަތަރު އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 12 އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މޭ މަހުގެ ނިޔަލަށް، ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 4.6 މިލިއަންއެވެ. އަދި މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތަކީ 68.7 އިންސައްތައެވެ.