މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މި ލޯނަށް އެދުމަށް އެންމެ ފުރަތަމަ ހުޅުވާލި ފުރުޞަތު ހަމަވެފައިވަނީ މޭމަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ޖޫންމަހުގެ 25 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކުރިއެވެ. ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ މިމަހުގެ ނިޔަލަށް އަނެއްކާވެސް ފުރުސަތު ހުޅުވާލާފައެވެ.
މުއްދަތު އިތުރުކުރަން ޖެހުނީ މަސްވެރިންގެ ފަރާތުން އެދެވޭ ތަރުޙީބެއް ނުލިބުމުންކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. އަދި މިހާރު މި ލޯނާއި ގުޅޭ މައުލޫމާތު މަސްވެރިންނަށް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަޤުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަޤުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުމެވެ.
"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. ލޯނު ޕްރޮގްރާމްގެ ދަށުން ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށާއި މިލޯނު ދޫކުރާނީ ފައިބަރު ދޯނިފަހަރުތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެ އަގު ކަނޑައަޅާފައި ވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ
ޖަނަރޭޓަރުގެ އަގާއި ދޯނީގައި މި ސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
6 ޕަސަންޓުގެ އިންޓްރެސްޓް ރޭޓަކާއި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިލޯނުތަކަކީ ފަންސާސް ހާސް ރުފިޔާއަށްވުރެ މަތީގެ ލޯނުތަކަކަށްވާތީ، އެސް.ޑީ.އެފް.ސީ އިން ކަނޑައަޅާ މިންވަރެއްގެ ރަހުނެއް ބަހައްޓަންޖެހޭނޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.