ވިޔަފާރި

ސަރުކާރު ކުންފުނިތަކުން ބޯނަސް ދެވޭނީ އަހަރީ އާއްމު ޖަލްސާއިން ފާސްކޮށްގެން


ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދެން ދެވޭނީ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އަމަލު ކުރާނެ އުޞޫލުގައި ބުނެފައިވަނީ ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވާ އަދަދުގެ %3 އަށްވުރެ ބޮޑު އަދަދަކަށް ވެގެންނުވާނެކަމަށެވެ. އަދި ހިއްސާގެ ފައިދާ އެއަހަރަކު ބެހެންނެތް ކުންފުނިތަކުން އަހަރީ ބޯނަސް އެއަހަރަކު ނުދެވޭނެ ކަމަށް އުސޫލުގައިވެއެވެ.

ކުންފުންޏަކުން ހިއްސާގެ ފައިދާގެގޮތުގައި ބޮޑު އަދަދެއް ކަނޑައަޅައިފި ކަމުގައިވާ ނަމަ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނެ މިންވަރުވެސް މި އުޞޫލުން ބޮޑުވެގެން ދާނެއެވެ.
ބޯނަސްގެ ގޮތުގައި ދޭން ނިންމާ އަދަދު ކަނޑައަޅާނީ ކުންފުނީގެ ބޯޑުން ފާސްކުރުމަށް ފަހު ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހުގައި ކަމަށްވެސް ބޯނަސް ދިނުމާއި ގުޅޭ އުސޫލުގައިވެއެވެ.

މިއުސޫލުގައިވާގޮތުން ކޮންމެ އަހަރެއްގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި، ނުވަތަ އެކަމާއި ގުޅޭ ގޮތުން ނިންމުމެއް ނިންމުމަށްޓަކައި ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއް ބާއްވާނަމަ އެ ޖަލްސާއެއްގެ އެޖެންޑާގައި، ބޯނަސް ދިނުމާއި ގުޅޭ އެޖެންޑާ އައިޓަމް ހިމަނަންޖެހޭނެއެވެ. އަދި ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏަކުން ބޯނަސް ދިނުމަށް ނިންމާކަމުގައިވާނަމަ، މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

މި އުޞޫލްގެ ބޭނުމަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމާއި އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭއިރު ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށްފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މި އުޞޫލުގެ ތެރެއިން ކުންފުނީގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަޤްޞަދުތައް ޙާސިލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ބާރު އެޅުމަކީވެސް މި އުޞޫލުގެ އެއް ބޭނުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.