ވިޔަފާރި

ފްރާންސްގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ފަތުރުވެރިކަން ތަޖުރިބާކޮށްފި


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަޤްސަދުގައި ފަރަންސޭސިވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ނޫސްވެރިންގެ ޓީމުން ރާއްޖެއަށް ކޮށްފައިވާ މި ދަތުރަކީ މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ ދައުވަތަކަށް ކޮށްފައިވާ ދަތުރެކެެވެ. މިއީ ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީއިން މިއަހަރު ތެރޭގައި ރާއްޖެއަށް ގެނައި ބޭރުގެ ހަތަރުވަނަ ނޫސްވެރިންގެ ޓީމެވެ.

ޖޫންމަހުގެ ނަވާވީސްވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ފަރަންސޭސި ނޫސްވެރިންގެ ޓީމުންވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށް، ރާއްޖޭގެ ފަތުރުވެރިކަން ތަޖްރިބާކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލާލާއި، ރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޮތްވެސް ވަނީ މި ނޫސްވެރިންގެ ޓީމަށް ދައްކާލާފައެވެ. އަދި އެމީހުން ރާއްޖޭގައި ހޭދަކުރި ދުވަސްތަކާއި ގުޅޭ ލިޔުންތައް އެޤައުމުގެ ނޫސްމަޖައްލާތަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ފަރަންސޭސިވިލާތަކީ ރާއްޖެއަށް ހަތްވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

މިއަހަރުގެ މޭމަހުގެ ނިޔަލަށް ފަރަންސޭސިވިލާތުން ރާއްޖެއަށް ތިރީސްފަސްހާސް ނުވަސްތޭކަ ސާޅީސް ހަތަރު ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، % 23 އިތުރު އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ އުންމީދަކީ މި ދަތުރުތަކުގެ ސަބަބުން ދިވެހިރާއްޖެ މި ޤައުމު ތަކުގައި އިތުރަށް އިޝްތިހާރުވުމަށް މަގުފަހިވެގެން ދިއުމެވެ.