މަސްވެރިޔާ ކާޑު ހޯދުމަށް އެދި މިހާތަނަށް 200 އަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓްއަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ކޫއްޑޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފްކޮށްފައިވާ މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާއި ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގެއެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.
މަސްވެރިޔާ ކާޑާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ފުޑް ޓެކްނޮލޮޖިސްޓް، ހަސަން އަފްޒަލް ވިދާޅުވީ މިހާތަނަށް މިކާޑު ޕްރޮމޯޓް ކުުރުމުގެ މަސައްކަތް ކުރެވިފައިވަނީ ދެކުނުގެ ރަށްތަކުގައި ކަމަށާއި އެހެން ނަމަވެސް މާލެ އަތޮޅު ކައިރި ރަށްރަށުގައި ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މި ކާޑު ބޭނުންކުރުމަށް ކާޑާ ގުޅޭ މައުލޫމާތު އެފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރުމަށް ބޭންކުން ރާވާފައިވާ ކަމަށެވެ.
"އަދި ބޮޑަށް އަމާޒްކުރެވިގެން ކުރިއަށްގެންދެވިފަ ހުރީ ދެކުނުގެ އަތޮޅުތަކަށް، އެއީ ބޮޑަށް ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް، ބީއެމްއެލުން އެބަ މަސައްކަތްކުރައްވާ މާލެ އަތޮޅު ކައިރީގަ ހުރި ރަށްތަކުގައި ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކާއި އެކުވެސް މި މަސައްކަތް ކުރިއަށް ގެންދެވޭތޯ" އަފްޒަލް ވިދާޅުވިއެވެ.
ގިނަ މަސްވެރިންނަކީ ބޭންކިންގ ނިޒާމްގައި ނުހިމެނޭ ފަރާތްތަކަށްވުމުން، ބައެއް ކަހަލަ ސްކީމްތަކާއި ލޯންތަކުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ގެއްލޭކަން އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކާޑެއް ބޭނުން ކުރަން ފެށުމުން ލޯންތައް ފަސޭހައިން ލިބުމާއި، ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަަމަށްވެސް އަފްޒަލް ފާހަގަކުރެއްވިއެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަށްކުރެވިގެންދާނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ.
މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖެއިން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.