ވިޔަފާރި

ނެސްލޭއިން ހަކުރު ނުހިމެނޭ ޗޮކްލެޓެއް ތައާރަފްކޮށްފި


ޗޮކްލެޓް އުފައްދާ މަޝްހޫރު ކުންފުނި، ނެސްލޭއިން ތައްޔާރީ ހަކުރު ނުހިމެނޭ ބާވަތެއްގެ ޗޮކްލެޓެއް ތައާރަފްކޮށްފިއެވެެ.

ސުވިޓްޒަލެންޑުގެ ނެސްލޭއިން ތަޢާރަފްކުރާ ހަކުރު ނުހިމެނޭ ޗޮކްލެޓަކީ، އެކުންފުނީގެ ބްރޭންޑެއްކަމަށްވާ ކިޓްކެޓްގެ ވައްތަރެކެވެ.

ނެސްލޭއިން ބުނާގޮތުން މިޗޮކްލެޓްގައި 70 އިންސައްތަ ޑާކް ޗޮކްލެޓް ހިމެނޭއިރު، މިއީ ކޮކޯ މޭވާގައި ހިމެނޭ ހުރިހާ އެއްޗެއް ބޭނުންކޮށްގެން އުފައްދާ ޗޮކްލެޓެކެވެ. އެގޮތުން މިޗޮކްލެޓަށް ފޮނިކަން ގެނައުމަށް ތައްޔާރީ ހަކުރުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ޗޮކްލެޓް ހެދުމަށް ބޭނުންކުރާ ކޮކޯ މޭވާގެ ޕަލްޕުން އުފައްދާ ޕައުޑަރެކެވެ.

އާއްމު ގޮތެއްގައި ކޮކޯ މޭވާގެ ޕަލްޕަކީ ޗޮކްލެޓް ހަދާއިރު ބޭނުންކުރާ އެއްޗަކަށް ނުވިނަމަވެސް، ޕަލްޕު ބޭނުންކޮށްގެން ފޮނި ރަހަ ގެންނަ ޕައުޑަރެއް އެކުންފުނިން އީޖާދުކޮށްފައިވާކަމަށް ނެސްލޭއިން ބުނެއެވެ. ނެސްލޭއިން ބުނާގޮތުން ކޮކޯ މޭވާގެ ޕަލްޕުން އުފައްދާ ޕައުޑަރުން ފޮނި ރަހަ ލިބެނީ، ޕަލްޕުގައި ހިމެނޭ ފުރުޓްކޯސްގެ ސަބަބުންކަމަށެވެ. އަދި ކޮކޯ މޭވާގެ ޕަލްޕުން އުފައްދާ ޕައުޑަރު ބޭނުންކޮށްގެން އުފައްދާ ޗޮކްލެޓުގެ ރަހައާއި ކޮލިޓީގައި އެހެން ޗޮކްލެޓްތަކާ އަޅާބަލާއިރު ތަފާތެއް ނުހުންނާނެކަމަށްވެސް ނެސްލޭއިން ބުނެއެވެ.

ނެސްލޭއިން ތަޢާރަފްކުރި ހަކުރު ނުހިމެނޭ ކިޓްކެޓް ޗޮކްލެޓް އެންމެ ފުރަތަމަ ނެރޭނީ ޖަޕާނުގެ ބާޒާރަށްކަމަށް ނެސްލޭއިން ބުނެއެވެ. އަދި ދުނިޔޭގެ މާކެޓަށް އެ ޗޮކްލެޓް ނެރޭނީ އަންނަ އަހަރުކަމަށްވެސް ނެސްލޭއިން ބުނެއެވެ.

މޭވާއިން ލިބޭ ގުުދުރަތީ ފޮނިކަން ބޭނުންކޮށްގެން ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުންފުނިތަކުން ފަށާފައި މިވަނީ، ތައްޔާރީ ހަކުރު ހިމަނައިގެން ތައްޔާރުކުރާ ސިއްޙަތަށް ގެއްލުންހުރި ކާބޯތަކެއްޗާއި ދުރުވުމަށް ގިނަ ބަޔަކު މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ނެސްލޭއިން އަލަށް ތަޢާރަފްކުރާ ކިޓްކެޓް ޗޮކްލެޓަކީ ބާޒާރުގައި މިހާރު ވިއްކަންހުރި ކިޓްކެޓްތަކަށްވުރެ ސިއްހީ ގޮތުން ފައިދާތަކެއް ލިބޭނެ ޗޮކްލެޓެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސިއްހަތަށް ފައިދާހުރި ތަކެތި އުފެއްދުމަށް ކުރާ މަސައްކަތާއެކު، ތިމާވެއްޓަށް ކުރާ އަސަރުތަކާ ގުޅިގެން ކޮކޯ މޭވާ ލިބުމަށް ކުރިމަތިވެދާނެ ދައްޗެއް ހައްލުކުރުމަށްވެސް ޗޮކްލެޓް އުފައްދާ ކުންފުނިތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޓޮބްލެރޯން އަދި ކެޑްބަރީ ޗޮކްލެޓް އުފައްދާ މޮންޑެލިޒް އިންޓަނޭޝަނަލްއިން ވަނީ ކޮކޯމޭވާގެ ގޮވާންކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކުރާ ހޭދާ އިތުރުކުރުމަށް ނިންމާފައެވެ.