ޚަބަރު

އަންނަ އާދިއްތަ ދުވަހު ހައްޖުވެރިން ފުރަން ފަށާނެ


މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނަ އާދީއްތަ ދުވަހު ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެންމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައިވަނީ ޒަޢީ ގުރޫޕް ލިމިޑެޓްގެ ހަވާލުގައި ޙައްޖަށް ދާ މީހުންކަމަށެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ވަނީ 2000 ކޯޓާ ރާއްޖެއަށް ލިބިފައެވެ. އިސްލާމިކް މިނިސްޓްރީން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިހާތަނަށް 1684 ޙައްޖާޖީން މިއަހަރު ޙައްޖަށް ދާނެއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔުމަށް ހަމަޖެހިފައިވާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން އަންނަ އާދިއްތަ ދުވަހު 84 މީހުންނާއެކު ފުރުމަށް ހަމަޖެހިފައިވަނީ ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑެވެ. މިމަހުގެ 25 ވަނަ ދުވަހު 154 ހައްޖާޖީންނާއެކު ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު 144 މީހުންނާއެކު އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދާ މީހުންވެސް ފުރާނެއެވެ.

މިނާ ޙައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް ގެ ހަވާލުގައި ޙައްޖަށްދާ 16 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު 29 ޙައްޖާޖީންނާއެކު ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 43 މީހުން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު މިނާ ޙައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް 76 މީހުންނާއި، އެކްރޯ ޕްރައިވެޓް ލިމިޓެޑް ގެ ހަވާލުގައި ދާ 99 މީހުން ފުރާނެއެވެ. މީގެ އިތުރުން މިމަހުގެ 30 ވަނަ ދުވަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙާއްޖަށް ދާ 330 މީހުން ފުރުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 31 ވަނަ ދުވަހު އެ ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ 352 މީހުން ފުރާނެއެވެ.

އޮގަސްޓް މަހުގެ1 ވަނަ ދުވަހުވެސް ފުރުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ 318 މީހުންނެވެ. އަންނަ މަހުގެ 2 ވަނަ ދުވަހު މިނާ ޙައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ދާ 100 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު އޯގަސްޓްމަހުގެ 4 ވަނަ ދުވަހު ތިން ޖަމާއަތެއްގެ ހަވާލުގައި ޙައްޖަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވެއެވެ. އެއީ މިނާ ޙައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދާ 180 މީހުންނާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ދާ 14 މީހުންނާއި އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ދާ 12 މީހުންނެވެ. އަދި މިމަހުގެ 5 ވަނަ ދުވަހު ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދާ 30 މީހުން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު މާލެއިން ޙައްޖުވެރިންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ކަންކަން ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތައް ބައިވެރިވެއެވެ. އެގޮތުން އެމްއެންޑީއެފްއާއި ޕުލުހުންނާއި، އެމްޓީސީސީއާއި، އެމްޕީއެލްގެ އިތުރުން އެމްއޭސީއެލްއިން ހަރަކާތްތެރިވަމުން ގެންދާނެއެވެ.

މާލެއާއި ހުޅުމާލެއާއި ވިލިމާލެއިން ހައްޖައްދާ މީހުންނާއި އެމީހުންގެ އައިލާއަށް އެއަރޕޯޓަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސަފައެވެ. އެގޮތުން އެމްޓިސީސީގެ ފެރީއާއި އެމްޕީއެލްގެ ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
މީގެ އިތުރުން ވިލިމާލެ ފެރީ ޓާރމިނަލްއާއި ހުޅުލެ ހުޅުމާލެ ބަސްޓަރމިނަލްތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެއަރޕޯޓުން ހައްޖަސް ފުރާ މީހުންގެ ލަގެޖް ކްލިއަރެންސް ކުމުގައި އެމްއެންޑީއެފް ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ޙައްޖައްދާ މީހުން ފުރާ ގަޑިތަކުގައި ޓްރެފިކް ބެލެހެއްޓުމާއި ޕާކްކުރެވޭނެ އިންތިޒާމްތައް ފުލުހުން ހަމަޖައްސައިދެމުންދާނެއެވެ. މީގެ އިތުރުން އެމްއޭސީއެލްއިންވެސް ވަނީ ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްދުވަހުގެ ކުރިން ޗެކިންކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްތްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ މިއަހަރުވެސް ޙައްޖާޖީންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި މިހާރު ޙައްޖު މިޝަން ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޙައްޖަށް ފުރާ މީހުންގެ ތެރެއިން މާލެއާއި ހުޅުމާލޭގައި ތިބި މީހުން ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި ވިލިމާލޭގައި ތިބި ހައްޖުވެރިން ހަތަރު ގަޑިއިރާއި 15 މިނެޓް ކުރިން ޓާމިލަށް ދިއުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖު ކޯޕަރޭޝަނާއެކު 6 ކުންފުންޏެއްގެ ހަވާލުގައި މީހުން ޙައްޖަށް ދާނެއެވެ.