ސިޔާސީ

އަލީ ވަހީދާއި އިމްރާންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި


މޭމަހުގެ އެއްވަނަ ދުވަހު ކުރި މުޒާހަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓިގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށައަޅައިފިއެވެ.އަލީ ވަހިދާއި އިމްރާންގެ މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ހުށަހެޅިނަމަވެސް ބައެއް ލިޔެކިޔުންތައް ހަމަވެފައިނުވާތީ އެ މައްސަލަ އަދި އެ އޮފީހުން ބަލައިގެންފައިނުވާކަމަށް މައުލޫމާތުލިބެއެވެ.އިދިކޮޅު ފަރާތައް ގުޅިގެން މިމަހުގެ އެއްވަނަދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން އަލީ ވަހީދާއި  އިމްރާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެރޭގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ. މި ދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ހަމަނުޖެހުން ހިންގުމަށް  މުޒާހަރާގައި ބައިވެރިންނަށް ގޮވާލިކަމުގެ ތުހުމަތުގައެވެ.އަލީ ވަހީދާއި އިމްރާންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވެއެވެ. އަލީ ވަހީދާއި  އިމްރާންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު މުޒާހަރާގައި ބޭނުންކުރި ޕިކަޕް ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލާ ގްރީން ޒޯނަށް ވަތް މައްސަލާގައި ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުމަށް ޕީޖީ އޮފީހުން މިއަދު ވަނީ ކޯޓަށް ހުށައަޅާފައެވެ. މީގެއިތުރުން މުޒާހަރާއާ ގުޅިގެން އިތުރު ބައެއްގެ މައްސަލަތައް ދިރާސާކުރުމަށްފަހު މަދަމާ ކޯޓަށް ފޮނުވޭވަރުވާނޭކަމަށް ޕީޖީ އޮފީހުން ބުނެއެވެ.