ޚަބަރު

ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާގެ ރައީސްއާ ދިވެހި ޙައްޖު މިޝަންއިން ބައްދަލުކޮށްފި


ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާގެ ރައީސް ޑރ. ރައުފަތު ބަދުރުއާ ދިވެހި ޙައްޖު މިޝަނުން ބައްދަލު ކޮށްފިއެވެ.

މި ބައްދަލުވުން އޮތީ ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާގައެވެ. މި ބައްދަލުކުރެއްވުމުގައި ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާގެ ރައީސް ޑރ. ރައުފަތު ބަދުރު ވަނީ މަޝާޢިރުތަކުގައި ތިބޭއިރު ވީހާވެސް ބޮޑަށް ދީނުގައި އޮންނަ ލުއިފަސޭހަ ގޮތްތައް ޙައްޖުވެރިންނަށްފަހިކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދުރާލާ މިނާއިން އަރަފާތަށް ދިއުމަށް ޖަމާއަތްތަކަށް ބާރު އެޅުމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިންނަކީ ކުރީ އަހަރު ތަކުގައިވެސް ހިލަ އުކުމުގެ ކަންކަމުގައި، އޮންނަ އުސޫލުތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެފައިވާ ބައެއްކަމަށާއި ނަމަވެސް ބައެއް ފަހަރު މިފަދަ އިރުޝާދުތަކަށް އެންމެ ރަގަޅަށް ތަބާ ނުވެވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިގާފައި ހުރިކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުތަކުގައި ހިލަ އުކަން ދިއުމުގެ މުހިއްމުކަންވެސް ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާގެ ރައީސް ޑރ. ރައުފަތު ބަދުރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޑރ. ރައުފަތު ވަނީ އެހެން އަހަރުތަކަށްވުރެ ރަނގަޅަށް ގުރޫޕްތަކުން އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށާއި އިތުރު ކޯޓާ ލިބުން ލަސްވުމުގެ ސަބަބުން ބައެއް ގުރޫޕްތަކުގެ ކަންކަން ހަމަޖެއްސުމުގައި ދަތިތަކެއް މެދުވެރިވީނަމަވެސް އެހެން އަހަރުތަކަށްވުރެ ކުރިން މި އަހަރު އިތުރު ކޯޓާ ހަމަޖެހުމަކީ އެގުރޫޕްތަކަށްވެސް ކަންކަންކުރިއަށްވުރެ ފަސޭހަވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޙައްޖުމިޝަންގެ ފަރާތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލު ވަނީ މިހާތަނަށް ދިވެހި ރާއްޖެއިން އައި އެއްވެސް ޙައްޖު މިޝަނަކާ ގުޅުން ޤާއިމު ކޮށްފައިނުވާވަރަށް މިފަހަރުގެ ޙައްޖު މިޝަނާއި ގުޅުން ޤާއިމުކޮށްފައިވާ ކަމަށްޓަކައި، އެ މުއައްސަސާގެ ވެރިންނަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ޙައްޖުވެރިންގެ ކަންކަން އިންތިޒާމްކުރުމުގައި އެ މުއައްސަސާގެ އެހީތެރިކަންދެއްވުމަށްވެސް ދިވެހި މިޝަން އިން ވަނީ އެދިވަޑައިގެންފައެވެ.

ޙައްޖުގެ އެންމެހައި ކަންކަމުގައި ސަޢޫދީ ޢަރަބިއްޔާއިން މުޢާމަލާތްކުރާ އެންމެ އިސްފަރާތަކީ ޙައްޖު މިޝަން ކަމަށްވުމާއެކު، ޙައްޖު މިޝަނުގެ މަސައްކަތް ހަރުދަނާކޮށް މިޝަނުގެ ފަރާތުން ދިވެހި ޙާޖީންނަށް ދޭ ޚިދުމަތްތައް ވީހާވެސް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ޙައްޖު މިޝަނާއި ސައުތު އީސްޓް އޭޝިއާގެ ޙައްޖުމުއައްސަސާއާ އޮންނަ ގުޅުން ވަރުގަދަވެގެން ހިގައްޖެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް ދިވެހި ޙައްޖު ކުންފުނިތަކުން ނަގާފައިވާ މުޠައްވިފުނާއި ގުޅޭ މަޢުލޫމާތުވެސް ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާއިން މިހާރު ވަނީ ހިއްސާކޮށްފައެވެ.