ވިޔަފާރި

ސްރީލަންކަން އިން ޓޯކިއޯ އާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށައިފި


ސްރީލަންކަން އެއަރލައިނުން ޖަޕާންގެ ޓޯކިއޯ ސިޓީއާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށައިފިއެވެ.

ސްރީލަންކަން އެއަރލައިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖަޕާންގެ ނަރީތާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީދާ މާލޭ ވައިގެ ބަނދަރަށެވެ.

ހަފްތާއަކު ހަތަރު ދަތުރު ޓޯކިއޯއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކާއި އެކު ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެއެވެ.

ނަރީތާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޖަޕާނުގެ ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ އެއަރޕޯޓެވެ. އަދި މި އެއަރޕޯޓަކީ ޓޯކިއޯ ސެންޓްރަލް އާއި ކައިރި ހިސާބެއް ކަމުން، ޓޯކިއޯގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު މި އެއަރޕޯޓު ބޭނުންކުރެއެވެ.

ޖަޕާނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި އެންމެބޮޑު މަޤްބޫލުކަމެއް ލިބިފައިވަނީ ރާއްޖޭގެ ޑައިވް ޕޮއިންޓްތަކެވެ. ޖަޕާން ހިމެނެނީ ރާއްޖެއަށް ނުވަވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް، 22،624 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %18 އިތުރު އަދަދެކެވެ.