މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މީރާއަށް 4.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް މީރާއިން ލަފާކޮށްފިއެވެ.
މިއަހަރުގެ 3ވަނަ ކުއާޓަރުގައި 4.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް މީރާއިން ލަފާކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު %1.5 އިތުރުއަދަދެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައި މީރާއިން ލަފާކުރާގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ޖީ.އެސް.ޓީއިންނެވެ. އަދި މިއަހަރުގެ ބީ.ޕީ.ޓީ ފުރަތަމަ އިންޓެރިމް ޕޭމެންޓްގެ ސުންގަޑި މިއަހަރުގެ ތިންވަނަ ކުއާޓަރަށް ހަމާވާތީ، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީ.ޕީ.ޓީއިންނެވެ.
މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ މުއްދަތު މިއަހަރުގެ ތިންވަނަ ކުއާޓަރަށް ހަމަވާތީ، ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ރިޒޯޓްތަކުގެ ކުލިންނެވެ.
މީގެއިތުރުން ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމުގެ ސުންގަޑި ވެސް ކުރިއަށް އޮތް ކުއާޓަރުގައި ހަމަވާތީ ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބެލެވެނީ ބޭންކް ޕްރޮފިޓް ޓެކުހުންކަމަށް މީރާއިން ހާމަކުރެއެވެ.