ޚަބަރު

ބާ ކައުންސިލަށް ވޮލެންޓިއަރުން ހޯދަނީ


ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ވޮލަންޓިއަރުން ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނީ ފަންނުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލައިސެންސިންގ ކޮމިޓީ އާއި އެތިކްސް ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީއާއި، ޤާނޫނީ ތަޢުލީމު ކޮމިޓީއާއި، ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވަރކިންގް ގްރޫޕްތަކެއް އެކުލަވާލުމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެހެންވެ އެ ވަރކިންގ ގްރޫޕްތަކުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިކަން ހުރި ޤާނޫނީ ވަކީލުންނަށް، އެފުރުޞަތު މި މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާންގައިވެ އެވެ

މި ވަރކިންގ ގްރޫޕްތަކުގެ މަސައްކަތްތަކުގެ ތެރޭގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަޝްވަރާއާ ލަފަޔާއެކު، ދާއިމީ ސަބް ކޮމިޓީތަކުގެ މެންޑޭޓާއި، އިޖްރާއަތްތައް ކަނޑައެޅުން ހިމެނެއެވެ. އަދި ދާއިމީ ސަބް ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރުމާއި އެކޮމިޓީތަކުން މެންބަރުން ވަކިކުރުމުގައި ޢަމަލުކުރާނެގޮތާއި، ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުންނަށް ކަމާބެހޭ އުޞޫލުތަކާއި އެއްގޮތަށް އުޖޫރަދެވޭނެ އުސޫލު އެކުލަވާލުން ވެސް ވަރކިންގ ގްރޫޕްތަކުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބާ ކައުންސިލްގެ އިއުލާންގައިވެއެވެ.

ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާ ކޮންމެ ވަރކިންގ ގްރޫޕެއްގައި ހިމެނޭނީ މަދުވެގެން 3 ޤާނޫނީ ވަކީލުން ކަމަށްވެސް އެ އިއުލާންގައިވެއެވެ. އަދި އެހެންމެ މި ވަރކިންގ ގްރޫޕްތަކުގައި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދާއިމީ ސަބް ކޮމިޓީތަކުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ވަކީލުންނަށް އިސްކަންދެވޭނެ ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.

ދާދި ފަހުން އަމަލު ކުރަން ފެށި ގާނޫނީ ފަންނުގެ ޤާނޫނަކީ ޤާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ބަލަހައްޓާ ހިންގުމުގެ ބެލެނިވެރި ފަރާތެވެ.