ޚަބަރު

މޫސުމަށް ސަމާލުވޭ - ކަނޑު ދަތުރުކުރުން ރައްކާތެރިއެއްނޫން


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓްވެސް ނެރެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިން ވަނީ ޔެލޯ އެލަރޓެއްވެސް ނެރެފައެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުތަދުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްވެސް ކޮށްފައެވެ.

އެމްއެންޑީއެފާއި ފުލުހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އުޅަނދުފަހަރުގައި މުވާސަލާތީ ވަސީލަތްތައް ހަމަތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވެދާނެ ހާދިސާއަކުން ފަޅުގައި އަޅާފައިހުންނަ އުޅަނދުފަހަރު ރައްކާތެރިކުރުމަށް ސަމާލުކަން ދިނުންވެސް މުހިންމެވެ. އަދި ވައިގަދަވެގެންދާ ވަގުތުތަކުގައި އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި ބެލްކަންޏާއި ޓެރެސް ގައި ހުންނަ ގަސް މުށި ފަދަތަކެތި ވައިގަދަވުމުގެ ސަބަބުން އިމާރާތްތަކުގެ މަތިން ވެއްޓި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ދުރާލައި ސަމާލުކަންދިނުންވެސް މުހިންމެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ރޭވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ރޭ ވެސް ވަނީ ވިއްސާރައިގައި ބައެއް ރަށްތަކަށް ގެއްލުންތައް ލިބިފައި އެވެ. މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ އަދަދަކަށް އާންމުން ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު މޫސުމަށް ސަމާލުކަން ދިނުމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާކޮށްފައެވެ.