ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ


ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖޭގެ އެކި ސަރައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން މިއަދުވެސް ވަނީ ބައެއް ސަރައްދުތަކަށް ވައިޓް އެލާޓް ނެރެފައިއެވެ. މިއަދުގެ ހަވީރު 5:00 ފެށިގެން މިރޭ 21:00 އަށް މޫސުމީ އިންޒާރު ނެރިފައިވަނީ ވ.އަތޮޅުން ފެށިގެން ގދ.އަތޮޅާ ދެމެދަށެވެ. މޫސުމާބެހޭ އިދާރާއިން ވަނީ އެ ހިސާބުތަކަށް ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ގުރުމާއެކު ބޯކޮން ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ބޯކޮން ވާރޭވެހޭނެ ކަމަށް ލާފާކޮށްފައިވާއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށްވެސް މުސުމާބެހޭ އިދާއިން ވަނީ ލަފާކޮށްފައެވެ.