ޚަބަރު

ދައުލަތުން ބަދަލުދޭންޖެހޭނަމަ އެކަމުގައި ޒިންމާވާންޖެހޭ މީހަކުވެސް ހުންނަންޖެހޭ - އާޒިމް


ދައުލަތުގެ މަޤާމަކާ ހަވާލުވެ ތިބޭ ބަޔަކު ކުރި ކަމެއްގެ ސަބަބުން ގެއްލުމުގެ ބަދަލު ދޭން ކޯޓުން ހުކުމްކުރާއިރު އެ ގެއްލުމަކަށް ދައުލަތުގެ ކޮންމެވެސް ބަޔަކު ނުވަތަ މީހަކު ޒިންމާ ނަގަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ބަދަލުގެގޮތުގައި ކޮންމެ ފަހަރަކު ދައުލަތުން މިލިއަނުން ފައިސާ ދައްކަންޖެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާ، ގެއްލުން ވުމަށް މެދުވި ސަބަބުގެ މައްޗަށް ބަލައި ކޮންމެވެސް ބަޔަކާމެދު ފިޔަވަޅުތަކެއް އެޅެން ޖެހޭނެ ކަމަށެވެ. އެގޮތުން ދައުލަތުން ނުރަނގަޅު އެއްބަސްވުމެއްވެ އޭގެ ބަދަލު ދޭންޖެހޭއިރު އެ އެއްބަސްވުން ހެދި ނުވަތަ އެކަމަށް ލަފާދިން މީހަކު އޭގައި ކުށްވެރިވާނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ މިނިސްޓްރީއަކުން ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ނުވަތަ ނުދައްކާ އޮތް ފައިސާތަކެއްގެ ސަބަބުން އާންމު ފަރާތަކަށް ބަދަލުދޭން ޖެހިއްޖެނަމަ އެކަމުގައި އެ މިނިސްޓްރީއެއް ހިންގަން ހުންނަ މިނިސްޓަރެއް ނުވަތަ އެކަމުގައި ބައިވެރިވި މީހެއްގެ އަތުން ބަދަލު ހޯދަން ޖެހޭނެ ގޮތައް އެކަން އޮންނަންޖެހޭނެކަމަށެވެ. ހަމަ އެހެންމެ އެއްބަސްވުމަށް އަމަލު ނުކޮށްގެން ދައުލަތުން ބަދަލުދޭން ކޯޓުން ހުކުމްކޮށްފިނަމަ، އެކަމާ ގުޅުންހުރި މުވައްސަސާގެ ފަރާތުން އެ އެއްބަސްވުމަށް އަމަލު ނުކުރަން ނިންމި ފަރާތެއްގެ އަތުން އެ ބަދަލު ނަގަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދައުލަތް މެދުވެރިކޮށް ނުހައްޤު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށެވެ. އެގޮތުން ބަދަލު ދިނުމަށް ކުރާ ހުކުމްތަކުގައި ނުރަނގަޅު ކަންކަން ހިނގާ ކަމަށް ތުހްމަތު ކުރެވިފައި އެބަ ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން ކޯޓުތައް އިސްލާހް ކުރުމަކީ އެ ވައްކަން ހުއްޓުވުމަށް ކުރަން ޖެހޭ މުހިންމު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުން ކޮށްފައި ހުންނަ ނުރަނގަޅު ކަމެއްގެ ސަބަބުން ބަދަލުދޭން ޖެހޭއިރު ދައުލަތުގެ މާލިއްޔަތުން އެ ފައިސާ ދެއްކުމުގެ ބަދަލުގައި އެކަން ކުރި މީހެއްގެ އަތުން އެ ބަދަލު ނެގޭނެގޮތަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތައް ފައިސާ ދައްކަން ކުރާ ހުކުމްތަކާއި ދައުލަތުން އެހެން ފަރާތަކަށް ފައިސާ ދޭން ކުރާ ހުކުމްތަކުގައިވެސް ހަމަހަމަ ނޫން ގޮތަކަށް ހުކުމް ކުރާކަން ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ދައުލަތުން މީގެ ކުރިން ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވެގެންނާއި އެހެނިހެން ގޮތް ގޮތުން ދައުލަތުން އާންމު ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ކޯޓުން ހުކުމް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.