ޚަބަރު

ކޯމާގައި ފަރުވާ ދެމުންދިޔަ ހައްޖުވެރިޔާ ނިޔާވެއްޖެ


މިއަހަރުރާއްޖެއިން ހައްޖަށް ގޮސް އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދިޔަ ހައްޖުވެރިޔާ މިއަދު ނިޔާވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޙަމީދު ކަށަވަރުކޮށްދެއްވި ގޮތުގައި ފ.ދަރަނބޫދޫ، ޢުމުރުން ތިރީސް އަށް އަހަރުގެ ސީމާ މޫސާ، ނިޔާވީ މިއަދުގެ އިރުއޮއްސުނު ވަގުތުއެވެ. ސީމާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ސަޢުދީ ޢަރަބިއްޔާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގައި ކޯމާއެއްގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ސީމާ އަށް ސްޓްރޯކް ޖެހުނީ މިނާގައި ޓެންޓުގައި ހުއްޓައެވެ. ރާއްޖެއިން ހައްޖަށް ދިޔަ އެހެން ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ދިވެހި ހައްޖު މިޝަންއިން މައުލޫމާތު ދެއްވައެވެ.