ޚަބަރު

ބާ ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމަށް ވަކީލުންގެ ޚިޔާލު ހޯދަނީ


އަންނަ އަހަރު ބާ ކައުންސިލުން ހިންގަން ފެންނަ ޕްރޮގުރާމްތަކާ ގުޅޭ ގޮތުން ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ޤާނޫނީ ވަކީލުންނަށް ހުޅުވާލައިފިއެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެ މަސައްކަތުގައި ވަކީލުންގެ އަޑުއަހަން އެ ކައުންސިލުން ބޭނުންވާ ކަމަށެވެ. އެ ގޮތުން 2020 ވަނަ އަހަރު ބާ ކައުންސިލުން ހިންގަން ފެންނަ ޕްރޮގުރާމެއް ނުވަތަ ހަރަކާތެއް އޮތްކަމަށް ވާނަމަ ޙިއްސާ ކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ބާ ކައުންސިލުން ހިންގަން އެދޭ ޕްރޮގުރާމްތަކާ ގުޅޭ ޕްރޮޕޯސަލް ހުށައެޅޭނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމަކުން ގާނޫނީ ވަކީލުންނަށް އެކަންޏެވެ.

ބާ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމަށްފަހު މިމަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީއަށް ހުށައަޅަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުންދާއިރު، އަންނަ އަހަރު ހިންގާނެ ބައެއް ޕްރޮގުރާމްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރަމުންދާކަމަށެވެ.

ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް އުފައްދާފާއިވާ ކައުންސިލެކެވެ.