ޚަބަރު

ދެ މީހެއްގެ އަތުން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި


މާލޭގައި ދެ މީހެއްގެއަތުން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މިރޭ 19.19ގައި ފޭރުމުގެ ދެ މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ސްޓެލްކޯ އިމާރާތްކައިރީގައިހުރި ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް މައްސަލައެވެ. އެމީހާގެ އަތުން ފޯނު ފޭރިގެންފައިވަނީ ސައިކަލެއްގައި އައި ދެ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އަނެއް މައްސަލައަކީ 18 އަހަރުގެ ފިރިހެނަކަށް ދެ މީހަކު ބިރު ދައްކައިގެން އޭޓީއެމްއަކަށް ގެންގޮސް ފައިސާތަކެއް ފޭރިގަތް މައްސަލައެކެވެ. ފުލުހުން ވިދާޅުވީ އެ މީހާގެއަތުން ފައިސާ ފޭރިގެންފައިވަނީ ޖަމާލުއްދީން ސްކޫލުގެ ކައިރީގައި ހުއްޓާ ދެމީހަކު އައިސް ބިރުދައްކައިގެން އޮލިމްޕަސްކައިރީގައި ހުންނަ އޭޓީއެމްއަށް ގެންގޮސްގެން ކަމަށެވެ. އެ މީހާގެއަތުން 1700 ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާ މި ދެ މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.