ރާއްޖޭގެ ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
މިއަހަރުގެ ޖެނުއަރީމަހު ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންގެ ނިސްބަތް އުޅެނީ 32.3 އިންސައްތައިގައެވެ. ފެބްރުއަރީމަހު މިއަދަދު 40.1 އިންސައްތައަށް ވަނީ އިތުރުވެފައެވެ. މާޗްމަހު 40.9 އިންސައްތައިގައި ހުރުމަށްފަހު އޭޕްރީލް މަހުން ފެށިގެން ސަފާރީ އުޅަނދުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.
އޭޕްރީލްމަހު 36.6 އިންސައްތައިގައި ހުރުމަށްފަހު މޭ މަހު މިއަދަދު ވަނީ 20 އިންސައްތައަށް ދަށްވެފައެވެ. އަދި ޖޫންމަހު ސަފާރީތަކަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންގެ އަދަދު ވަނީ 9.4 އިންސައްތައަށް ވެއްޓިފައެވެ.
ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން މިކަމުގެ ކަންބޮޑުވުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ އެމްއެމްޕީއާރުސީއަށް ހިއްސާކޮށްފައެވެ. އެ އެސޯސިއޭޝަނުން ބުނީ މިއަދަދު މަދުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުގައި މި ސިނާއަތް އިޝްތިހާރު ނުކުރެވުމުގެ ސަބަބުން ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަށް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމާބެހޭ ރަނގަޅު މައުލޫމާތު ނުލިބުންކަމަށެވެ. މިކަން ހައްލުކުރުމަށް ރާއްޖޭގެ ސަފާރީތައް އިޝްތިހާރުކުރުމަށް އަންނަ އަހަރު ރޯޑްޝޯތަކެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ކްރޫޒް ޑެޝްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރުން ފެށިގެން ރޯޑް ޝޯވތަކެއް ބާއްވާއިރު، މި ރޯޑް ޝޯވތައް ބޮޑަށް އަމާޒު ކުރާނީ ސައުތު އީސްޓް އޭޝިޔާގެ ސަރަހައްދަށެވެ. ނަމަވެސް ޔޫރަޕް ހިސާބުގައިވެސް މި ރޯޑް ޝޯވތައް ބާއްވާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.