ޚަބަރު

ތިނަދޫ ފެނަށް ދިމާވި މައްސަލަ ދެދުވަހެއްގެ ތެރޭގައި ހައްލު ކުރެވޭނެ - ފެނަކަ


ގދ.ތިނަދޫ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ދެދުވަހެއްގެ ތެރޭގައި ހައްލު ކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ އެކުންފުނީގެ ޓީމެއް މިހާރުވެސް ތިނަދޫގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ތިނަދޫގައި މިހާރު ފޯރުކޯށްދޭ ފެނުގައި މައްސަލަތަކެއް ހުރިނަމަވެސް އެ ފެނަކީ ޑަބްލިއުއެޗްއޯއާއި އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ އަދި ބޭނުންކުރަން ރައްކާތެރި ފެނެއްކަމަށެވެ.

ފެނަކައިން ބުނީ ތިނަދޫގައި ފޯރުކޮށްދޭ ސަޕްލައި ފެނުގައި މައްސަލަ ދިމާވީ ފެން ޕްލާންޓަށް ފެން ނެގުމަށް ބޭނުންކުރާ ބޯހޯލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލަ ދިމާވީ ފަހުން އެރަށުގައި ބެހެއްޓި ފެން ޕްލާންޓުން ޚިދުމަތްދޭ ގެތަކަށް އެކަނި ކަމަށާ އެ މައްސަލަ ދެދުވަހެއްގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އާބާދީގައި 10 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ތިނަދޫގެ ފެނުގައި ނުބައިވަސްދުވެ، ފެން ނުބައި ވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ތިނަދޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ އާއި ގުޅިގެން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ މިމައްސަލަ ރައީސުލް ޖުމްހޫރިއްޔާއާއި، ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ.