ޚަބަރު

ވެމްކޯގެ ކުރީގެ އެމްޑީ، ޝިފާޢުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިފާޢު މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ހޯދާދިނުމުގެ ދައުވާ ކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝިފާއު މައްޗަށް ދައުވާ ކޮށްދިނުމަށް އެދުނީ ވެމްކޯއިން، އެމަރޖެންސީކޮށް ޑަމްޕްޓްރަކެއް ގަތުމަށްވި އެއްބަސްވުމުގައި ގާނޫނާ ހިލާފު ކަންކަން ހިނގާފައިވާ ކަމަށް ފާހަގަ ކުރެވިގެން ހިންގި ތަހްގީގުން އެކަން ސާބިތުވާތީ ކަމަށެވެ.

އެގޮތުން ވެމްކޯ އިން ޑަމްޕްޓްރަކް ގަނެފައިވަނީ އެކުންފުނީގެ އޭރުގެ އެމްޑީގެ މަގާމުގައި ހުންނެވި ޝިފާޢުގެ ހިއްސާ އޮންނަ ކުންފުންޏަކުން ކަމާއި އޭގައި ގާނޫނާ ހިލާފު އެތައް ކަމެއް ހިނގި ކަން ތަހްގީގުގައި އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް އެ ކޮމިޝަނުނުން ބުނެފައިވެ އެވެ.

ވެމްކޯގެ ބޭނުމަށް ކިއުބެކް އިންވެސްޓްމެންޓުން ޑަމްޕްޓްރަކެއް ގަންއިރު އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އޮތީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޝިފާޢުގެ ހިއްސާއޮތް ކުންފުނިކަމުގައިވާ އެމް ކޯ ހޯލްޑިންގސް ނަމުގައި ކަން ތަހްގުން އެނގޭކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމް ކޯ ހޯލްޑިންގސް އިން އެ ޑަމްޕްޓްރަކްގެ އޯނަރޝިޕް 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު ކިއުބެކް އިންވެސްޓްމެންޓަށް ބަދަލުކުރެވުނުކަމަށް ކޮމިޝަނުގެ ތަހުޤީޤަށް މައުލޫމާތު ލިބުނު ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް، އެ ޓަމްޕްޓްރަކް ވެމްކޯއަށް ވިއްކުމަށް ކިއުބެކް އިންވެސްޓްމެންޓާ ވެމްކޯއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމާއެކު އެޓޭޗް ކޮށްފައިވާ އެމް ކޯ ހޯލްޑިންގސް އިން އެ ޑަމްޕްޓްރަކްގެ އޯނަރޝިޕް ކިއުބެކް އިންވެސްޓްމެންޓަށް ބަދަލުކުރުމަށް ފޮނުވާފައިވާ ސިޓީއަކީ އެމް ކޯ ހޯލްޑިންގސްގައި އެއްވެސް އިރެއްގައި މަސައްކަތްނުކުރާ މުވައްޒަފެއްގެ ސޮއި ފޯޖުކޮށްގެން ހަދާފައިވާ ސައްޙަނޫން ސިޓީއެއްކަން ތަޙުޤީޤަށް ވަނީ ޔަޤީންކުރެވިފަވެއެވެ.

އެހެންކަމުން އެފަރާތުން މި ކުށުގެ ޢަމަލުކޮށްފައިވަނީ ނުހައްޤުން މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދާދިނުމަށްކަން ފެންނަން އޮތުމުން މިކަމަކީ ހުރި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމަށް އެފަރާތުން ކުރިކަމެއްކަން މި މައްސަލައާ ގުޅިގެން ތަޙުޤީޤަށް ލިބިފައިވާ ޝަފަޢީ އަދި ކިތާބީ ހެކިން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ތަހްގީގަށް ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.