ޚަބަރު

ރައީސް ޔާމީނުގެ ޝަރީޢަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ!


ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.

ޔާމީނާ ދެކޮޅަށް ކުރާ ދައުވާގައި ދެން ބާއްވާ އަޑުއެހުމުގައިވެސް އޮންނާނީ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެއް ބޭއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނަގައިފައެވެ.
މީގެ އިތުރުން ދައުލަތުން ހުށައަޅުއްވާފައިވާ އެހެން ހެކިންގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީއާއި އެކޮމިޝަނުގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި މީގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ނަގާނެއެވެ.

ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފު ކުންފުނިން އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށާއި އަދި އެ ފައިސާއަކީ ހުއްދަ ނޫން ފައިސާތަކެއް ކަމަށް ތުހްމަތު ކުރެވިފައި ވަނިކޮށް އެ ފައިސާ އިން މަންފާ ހޯއްދަވާފައިވާކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއް ހުޅުވައި އޭގައި ބެހެއްޓުމަށް އޭސީސީއާއެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް، އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުވާގައިވެއެވެ.

މި އަޑުއެހުންވެސް ބޭއްވުމަށް ހަމަ ޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށްވާތީ ޝަރީއަތުގެ މަޖިލީސް ޓީވީމެދުވެރިކޮށް ލައިވްކޮން ގެނެސްދޭނެ އެވެ. މިއީ ރާއްޖޭގައި ޓީވީން ދުރަށް ގެނެސްދޭ ފުރަތަމަ ޝަރީއަތެވެ.