ޚަބަރު

ޚާއްސަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން ބުދަ ދުވަހު


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން ބުދަ ދުވަހު ބޭއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެ ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅުއްވުމުން، ނަން ނޯޓު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ހުޅުވާލައްވާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 15ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ތިން ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ. މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.