ޚަބަރު

އަދީބުގެ ހެކިބަސް ޔާމިނާ ދެކޮޅަށް


ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި އަހްމަދު އަދީބު ކޯޓުގައި ޔާމީންއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދެއްވައިފިއެވެ.

ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ހެއްކެތްގެ ގޮތުގައި އަދީބު ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމުގެ ތެރޭގައި ރައީސް ޔާމިންވެސް ވަނީ ގިނަ ސުވާލުތަކެއް އަދީބުއާ ކުރައްވާފައެވެ. އަދި ދެ ބޭފުޅުންގެ މެދުގައި ބޮޑު ދެބަސްވުމަކަށްވެސް ދިޔައެވެ.

އަދީބު ކޯޓަށް ހާޒިރުކުރީ ރައީސް ޔާމިން އަންގަވައިގެން ކެމްޕެއިންގެ އެއްވެސް ފައިސާއެއް އަދީބު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކޮށްފައިވޭތޯ ސާބިތުކޮށްދިނުމަށެވެ. އަދީބު ވިދާޅުވީ 2015 ވަނަ އަހަރުގެ ތެރޭގައި ރައީސް އެކައުންޓަށް ކެމްޕެއިންގެ އެއްވެސް ފައިސާއެއް ޖަމާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ އެކައުންޓަށް 2015 ވަނަ އަހަރުގެ ތެރޭގައި އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރަކީ ޕީޕީއެމްގެ ކެމްޕެއިން ފައިސާ ކަމަށެވެ. އަދި އެފައިސާ ޖަމާކޮށްފައިވަނީ އަދީބު މެދުވެރިވެގެން ކަމަށްވެސް ޔާމިން މީގެ ކުރިން ވިދާޅުވި އެވެ.

ރައީސް ޔާމިންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށާއި އެކަން ރައީސް ޔާމިނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި އަދީބު ވަނީ ޔާމިން އަންގަވައިގެން ގާނޫނާ ޚިލާފަށް ކަންކަން ކުރައްވާފައިވާނެތޯ ރައީސް ޔާމިން ކުރެއްވި ސުވާލަށް ވެސް އިއުތިރާފުވެވަޑައިގެންފައެވެ.

ރައީސް ޔާމިންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރަކީ ގއ.ބޮޑުމުއްލާ ކުއްޔަށް ދީގެން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފައިސާކަމަށް ތުހްމަތު ކުރެވޭ ކަމަށް ދައުވާގައި ބުނެފައިވާއިރު އަދީބު ވިދާޅުވީ ފުލުހުންގެ ތަހްގީގުގައި ސުވާލުކުރިއިރު ވަކި ރަށަކުން ލިބުނު ފައިސާއާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައިނުވާނެ ކަމަށެވެ.

ނަމަވެސް ބޮޑުމުއްލާ ކުއްޔަށް ދިނުމުގެ ކަންކަން އަވަސް ކުރުމަށާއި އެ ފައިސާ އެސްއޯއެފް ކުންފުންޏަށް ޖަމާކޮށްފައިވަނީ ރައީސް ޔާމިން އަންގަވައިގެން ކަމަށް އަދީބު ވިދާޅުވި އެވެ.

އެސްއޯއެފް ކުންފުނީގެ އިސްވެރިންނާ ރައީސް ޔާމިންއާ ވެސް ރައްޓެހިވާނެ ކަމަށް އަދީބު ފުލުހުންނަށް ދިން ބަޔާންނުގައި ވިދާޅުވެފައިވާތީ ރައީސް ޔާމިން ވަނީ އެކަމާ ގުޅޭ ގޮތުން ވެސް ސުވާލު ކުރައްވާފައި އެވެ. އެގޮތުން ރައީސް ޔާމިންއާ އެމިހުންނާ ރައްޓެހި ކަމަށް ބުނެފައިވަނީ ކޮން ގޮތަކުންތޯ ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އެކި އިވެންޓްތަކުން ވެސް އެމީހުންނާ ރައީސް ޔާމިންއާ ބައްދަލުވެފައިވާނެ ކަމަށާއި އަދި އެސްއޯއެފް ކުންފުނީގެ ބައެއް މީހުން ސީދާ ރައީސް ޔާމިންގެއަށް ފައިސާވެސް ގެންގޮސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމިން ވަނީ އެ ވާހަކަ ދޮގުކުރައްވާފައި އެވެ.

އަދީބުއާ ޔާމިންއާ ގިނަ ދުވަސްތަކަށްފަހު ފުރަތަމަ ފަހަރަށް ކޯޓުން ދިމާވެފައިވާއިރު އަދީބު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އޭނާއަށް ވަރަށް އަނިޔާވެރިވި ކަމަށާއި އެހެން ނަމަވެސް ހެކިބަސް ދެއްވަނީ އެންމެނަށްވެސް ހިތްހެޔޮކުރުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމިންއަށް ވެސް މައާފުކޮށްފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ ފައިސާ ނަގައި އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް އެ ފައިސާ ނަގަމުން ދިޔައީ ޔާމީން އަންގަވާ ގޮތަށް ކަމަށާއި އެ ކަންކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުން ރައީސް ޔާމިން ވަނީ ކޮންމެ ކަމެއް ރައީސް ޔާމިނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުނުވުމަށް ވެސް އެދިވަޑައިގެންފައި އެވެ.

ރައީސް ޔާމިން އަންގަވައިގެން ގާނޫނާ ހިލާފަށް ކަންކަން ކުރައްވާފައިވާނެ ކަމަށް ތަކުރާރުކޮށް އަދީބު ވިދާޅުވުމުން ޔާމިން ވަނީ އެކަން ކަށަވަރުކުރުމަށް ހަމަ އެހެންތޯ ތިޔަ ވިދާޅުވަނީ ވިދާޅުވެ އެ ސުވާލު ތަކުރާރުކުރައްވާފައި އެވެ. އަދީބު ވިދާޅުވީ އެގޮތައް ހެކިބަސް ދެއްވަނީ އެ ހެކިބަސްތަކުގެ ސަބަބުން އެހެން ދައުވާ ކުރެއްވިއަސް ހެޔޮ ކަމަށް ވިދާޅުވެފައި އެވެ.