ޚަބަރު

ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ގާނޫނާ އެއްގޮތައް: ޖޭއެސްސީ


ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑްކުރީ ޤަނޫނާއި ޤަވައިދާ އެއްގޮތައް ކަމަށް ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައިވާތީ ސުޕްރީމް ކޯޓަށް އޭނާ ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ބާޠިލް ކުރުމަށާއި އެ ފަނޑިޔާރުގެ މައްސަލަ ބަލަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދޭން އޭނާގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ތުހުމަތު ކުރައްވައި، ޖޭއެސްސީއަށް ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ރައީސް ނަޝީދު މައްސަލައެއް ހުށައަޅުއްވާފައިވާއިރު ޢަބްދުﷲ ދީދީގެ ވަކީލުން ސުޕްރީމް ކޯޓުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އެ މައްސަލައިގައެވެ. ނަމަވެސް ޖޭއެސްސީގެ ވަކީލް ޙަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ތަޙްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށާއި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލައިގައި ނޫން ކަމަށެވެ.

ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރުމުގެ ކުރިން އޭނާގެ ބަހެއް ޖޭއެސްސީން ހޯދާފައި ނުވުމަކީ ޤަވައިދާ ޚިލާފަށް އެ ކޮމިޝަނުން ކޮށްފައިވާ ކަމެއް ކަމަށް ޑީޑީގެ ވަކީލް ވިދާޅުވުމާ ގުޅިގެން ޖޭއެސްސީގެ ވަކީލް ރައްދުގައި ވިދާޅުވީ ޢަބްދުﷲ ދީދީ ސަސްޕެންޑްކުރީ ފުލުހުން މައްސަލައެއް ބަލަމުންދާތީ ޖޭއެސްސީގެ ޤަވާއިދުގެ ދަށުން އެކަމުގައި ގޮތެއް ނިންމަން ޖެހޭތީ ކަމަށެވެ. އަދި އެ ހާލަތުގައި ސަސްޕެންޑް ކުރުމުގެ ކުރިން ބަހެއް ހޯދަން ލާޒިމް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ޖޭއެސްސީގެ ޖަލްސާގައި ނަޝީދު ހުށަހެޅުއްވި މައްސަލަ އެޖެންޑާ ކޮށްފައި އޮތްތޯ ނޫންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ޒަހީން ވިދާޅުވީ ނަޝީދު ހުށަހެޅުއްވި މައްސަލަ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮށްވާ ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލާ ކަމަށް ބުނެ އެދުވަހު ފުލުހުންގެ ސިޓީއެއް ލިބުނީ ކަމަށާއި ސަސްޕެންޑްކުރީ އެ ސިޓީއަށް ރިއާޔަތް ކުރުމަށްފަހުކަމަށެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޢަބްދުﷲ ދީދީ މިދިޔަ ޖޫން މަހު ވަނީ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލަ ބަލަމުންދާތީ އޭނާގެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ކުރިން ނެރުނެވެ. އެކަމަކު އެ އަމުރު ޖޭއެސްސީން ޤަބޫލެއް ނުކުރިއެވެ.