ޚަބަރު

ސުޕްރީމް ކޯޓުން ސާކިއުލާތައް ނެރެ، ޤާނޫނާ ޚިލާފު ނިންމުންތައް ނިންމި - ޖޭއެސްސީ


ސުޕްރީމް ކޯޓުން ބައެއް ސާކިއުލާތަކާއި އިއުލާންތައް ނެރެގެން ޤާނޫނު އަސާސީން ލިބިދީފައިނުވާ ބައެއް ބާރުތައް ބޭނުންކުރައްވާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިހެން ވިދާޅުވީ އެކޮމިޝަނުން ނެރުއްވި ރިޕޯޓެއްގައެވެ. މި ރިޕޯޓަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމްތަކާއި ނެރުއްވާފައިވާ އަމުރުތަކާއި ސަރކިއުލަރތަކާއި އެނޫންވެސް ނިންމުންތަކުގެ މައްޗަށް ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓެކެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލައި ވަކިގޮތެއް އަންގަވަންދެން އެފަނޑިޔާރު ސަސްޕެންޑް ކުރެއްވުމަށް ޖޭއެސްސީން އެންގެވުމުން ސުޕްރީމް ކޯޓުން ނެރުއްވި އަމުރުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް، ޤާނޫނުއަސާސީއިން ކަނޑައަޅާފައިވާ އިމުގެ ބޭރުން ނުފޫޒު ފޯރުވޭގޮތަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އަމުރުތަކެއްކަމަށް އެރިޕޯޓްގައި ވިދާޅުވެފައިވެއެވެ.

އަދި ފަނޑިޔާރު ދީދީގެ ސަސްޕެންޝަނާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުއްވި އަމުރުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް އެޅޭގޮތަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ފުށުއަރާގޮތަށް ނެރުއްވާފައިވާ އަމުރެއްކަމަަށާ، އަދި އެއަމުރުތަކަކީ ޖޭއެސްސީން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ވަކިފަރާތަކަށްނުޖެހި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ އަމުރުތަކެއްކަމަށް ވަނީ ބުނެފައެވެ.

ޖޭއެސްސީގެ ޤާނޫނުގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އިދާރީކަންކަން ހިންގައި ބެލެހެއްޓުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތާއި ބާރުތަކުގެގޮތުގައި ރައްޔިތުންގެ މަޖިލީހުން ހިމަނާފައިވަނިކޮށް، 02 ޑިސެމްބަރ 2008 ގައި ސުޕްރީމް ކޯޓުން ނެރުނު ރޫލިންގ އަކުން އެމާއްދާ އުވާލައި، ޢަދުލުއިންސާފުގާއިމުކުރުމުގެ އިދާރީކަންކަން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވެ، ޖޭއެސްސީން އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެންގޮސްފައިވަނީ ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކާއި އިންތަކުގެ ހުދޫދުން ބޭރުވެ، އަދި ޤާނޫނެއް ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށްވެސް އެރިޕޯޓްގައި ވަނީ ވިދާޅުވެފައެވެ.

14 މާރޗް 2011ގައި ސުޕްރީމް ކޯޓުން ނެރުނު ރޫލިންގއަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ބަޔާންކޮށްފައިވާ ޖުޑީޝަލް ކައުންސިލާބެހޭ މާއްދާތައް އުވާލައި، އެކައުންސިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްކަމަށް ނިންމައި، ޖުޑީޝަލް ކައުންސިލުގެ މަސައްކަތްކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންކަމަށް ނިންމާފައިވުން ވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ޖުޑީޝަލް ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭކަންކަންކަމަށް ބުނެ، އެބާބު އުވާލާފައިވަނީ، ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތަކާއި އިންތަކުގެ ޙުދޫދުން ބޭރުވެގެން ކަމަށްވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ޤަވާޢިދުގެދަށުން ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނާގުޅޭ އެންމެހައި ކަންކަން ބަންޑާރަނައިބުގެ އޮފީހުން ބަލަހައްޓަމުން ގެންދަނިކޮށް، ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ދުސްތޫރީ އުޞޫލުތަކަށް ހުރަސްތަކެއް
ކުރިމަތިވަމުންދާ ކަމަށްބުނެ ސްޕްރީމް ކޯޓުން ނެރުނު ރޫލިންގއިން، ނެރެ ދިވެހިރާއްގޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު ބާޠިލުކޮށް، ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމާ ސްޕްރީމް ކޯޓުން އަމިއްލަ އަށް ޙަވާލުވެފައިވުން ވެސް މިރިޕޯޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެރިޕޯޓްގައި ވާގޮތުން އެއީ ސްޕްރީމް ކޯޓުގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ އެކޯޓާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ނޫންކަން އެނގެން އޮންނަކަމަށެވެ. ނަމަވެސް ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ބާޠިލްކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެގެން ނޫންކަމަށް ވަނީ ބުނެފައެވެ.

ޝަރުއީ ދާއިރާ އިސްލާޙްކުރުމަށް ގޮވާލައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން 2015ވަނަ އަހަރު ފެށި ހަރަކާތް ހުއްޓުވުމުގެ ގޮތުން 54 ވަކީލުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދި ޓްރައިބިއުނަލެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް، އަދި އެއްވެސް ތަޙުޤީޤެއްގައިވެސް ބައިވެރިނުވެވޭ ގޮތަށް، ވަކި މުއްދަތެއް ނެތްގޮތަށް ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ސަސްޕެންޑް ކުުރި މައްސަލަވެސް މި ރިޕޯޓްގައި ހިމަނާފައިވެއެވެ.

ވަކީލުން ސަސްޕެންޑް ކުރިކަން އަންގައި ނެރެފައިވާ އިޢުލާނަކީ ސީދާ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން ނެރުއްވާފައިވާ، އަދި އެކޯޓުން ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުމެއްކަން އެނގެން އޮންނައިރު ވަކީލުންނަށް ޖަވާބުދާރީވުމުގެ ޙައްޤު ދިނުމެއްނެތި، ޤާނޫނީ ވަކީލުން ޢާމްދަނީ ހޯދަން ކުރާ މަސައްކަތް ވަކި މުއްދަތެއް ނެތްގޮތަށް ހުއްޓުވުމާއި، އަލުން ހުއްދަ ހޯދުމަށްޓަކައި މަޢާފަށް އެދެން މަޖުބޫރުކުރުވުމަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުގެ ބޭރުން އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއް ކަމަށް ރިޕޯޓްގައިވެއެވެ. މިރިޕޯޓް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ފޮނުވާފައެވެ.