ޚަބަރު

ސުޕްރީމް ކޯޓުން ނެރެފައިވާ ޙުކުމްތަކަށް ޖޭއެސްސީން ބޮޑެތި ފާޑުކިޔުންތަކެއް


ސުޕްރީމް ކޯޓުން މީގެ ކުރިން ޤާނޫނާ ޚިލާފަށް އެތައް ހުކުމްތަކަކާއި އަމުރުތަކެއް ނެރެފައިވާކަން ހާމަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރިޕޯޓެއް ނެރެފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މި ރިޕޯޓުގައި ޤާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ބައެއް ޙުކުމްތަކާއި އަމުރުތަކާއި އެ ޙުކުމްތަކާއި އަމުރުތައް ޤާނޫނާ ޚިލާފުވަނީ ކީއްވެގެންކަން ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމްގެ މައްޗަށް މަކަރާ ހީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަށްފަހު ހަމަ އެ ނިންމުން އޭގެ 3 އަހަރު ދުވަސް ފަހުން އަލުން ބަލައި ބަދަލުކޮށް ކުށް ސާބިތުނުވާ ކޮށްފައިވާ ހުކުމް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނާޒިމް 25 އަހަރަށް ޖަލަށްލުމަށް 06 އޭޕްރިލް 2015ގައި އެ ކޯޓުން ކުރި ހުކުމް 13 ޑިސެމްބަރު 2018 ވަނަ ދުވަހު ބާޠިލްކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅާދިޔަ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ ހުކުމް ކޮށްފައިވާތީ ކަމަށް ބުނެފައިވާއިރު އިސްތިއުނާފު ބަލައިގަނެ ކުށް ސާބިތުވާ ކަމަށް ހުކުމް ކުރުމުގައިވެސް ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ބައިވެރިވަޑައިގެންނެވިއިރު އެ ދެ ފަނޑިޔާރުންގެ ރައުޔު ބަދަލުވުމަށް މެދުވެރިވި ސަބަބެއް އެ ޤަޟިއްޔާގައި ފާހަގަކޮށްފައި ނުވާކަމަށް ވަނީ ބުނެފައި އެވެ.

އަދި ސުޕްރީމް ކޯޓުން އާ ޤާނޫނެއް "އުފައްދައި" ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާގޮތުގެ އިތުރަށް އިސްތިއުނާފް މުއްދަތު ފަހަނަޅައިގޮސްފައިވާ މައްސަލަތަކުގެ އިސްތިއުނާފު ބަލައިގަނެވޭނެ އިތުރު ހަމަތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބިނާކޮށްފައިވާ ކަމަށާއި މި އަމަލަކީ ޤާނޫނު އަސާސީގެ 5 ވަނަ މާއްދާއިން 7 ވަނަ މާއްދާއާ ހަމައަށް ބަޔާންކޮށްފައިވާ ބާރުތައް ވަކިކުރުމުގެ ދުސްތޫރީ އުސޫލާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން، ސިޔާސީ ކަންކަމުގައި އުޅޭ މީހެއްގެ މައްސަލައެއްގެ އިސްތިއުނާފް މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ސުޕްރީމް ކޯޓަށް ބަލައިގަނެ، ކުށްސާބިތުނުވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމުގައި ކަނޑައެޅުމަށްފަހު، އޭގެ 3 އަހަރު ފަހުން، ކުރިން އޮތް ސިޔާސީޙާލަތު ބަދަލުވުމުން، ކުރީގެ ނިންމުން ބަދަލު ކުރުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް، ކުށް ސާބިތުނުވާ ކަމަށް އަލުންކޮށް ކަނޑައެޅުމަކީ، ޢަދުލުއިންސާފުގެ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިންގަވާފައިވާ ޢަމަލެއް ކަމަށްވެސް މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ރިޕޯޓުގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މައްސަލައެއްގައި ނިންމެވި ނިންމުމަކާ ގުޅިގެން އޭނާގެ ފަނޑިޔާރުކަން ކުރުމުގެ ވިލާޔަތާއި، އަޚްލިއްޔަތާއި ޝަރުޢިއްޔަތު ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުންވެސް ފާހަގަކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ގާޟީ މަރިޔަމް ވަހީދުއާ ގުޅޭގޮތުން ނެރުނު އަމުރާ ގުޅިގެން 16 ފެބްރުއަރީ 2016 އިން ފެށިގެން 15 ފެބްރުއަރީ 2018 ނިޔަލަށް މަސައްކަތައް ނުނިކުމެ ހުންނަން ޖެހުނު ކަމަށާއި އެ ގާޒީއާ މެދު ސުޕްރީމް ކޯޓުން އަޅާފައިވާ ފިޔަވަޅަކީ ޤާނޫނުއަސާސީން އުފެއްދި ޖޭއެސްސީގެ ބާރު ކަނޑުވާލުމުގެ ޢަމަލެއް ކަމަށްވެސްވަނީ ބުނެފައެވެ.

"ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގައި ވަކި އިޖުރާއަތުތަކެއް ބަޔާންކޮށް، އެ ބާރު ލިބިގެންވާ ވަކި ފަރާތެއް ކަނޑައަޅައި ބަޔާންކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގެސުޕްރީމް ކޯޓުން ފަނޑިޔާރަކު ސަސްޕެންޑްކުރުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން އެކަށައަޅާފައިވާ އިންތިޒާމުތަކާ ޚިލާފަށް ކޮށްފައިވާ ޢަމަލެކެވެ." އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީޤް އާއި އެ ކޮމިޝަންގެ ނައިބުރައީސް އަޙްމަދު ފަޔާޒް މަޤާމުން ވަކިވެއްޖެކަމަށް ކަނޑައަޅުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ މައްޗަށްވެސް މި ރިޕޯޓްގައި ބަލާލާފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުން އަމިއްލައަށް ހެދި ޤަވާއިދެއްގެ ދަށުން އަމިއްލަ އިސްނެގުމުގައި ޤަޟިއްޔާއެއް ހިންގައި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކޮށް ޖިނާޢީ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި ވަނީވެސް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ސާފު އުސޫލާ ޚިލާފަށްކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އިސްނެގުމަށް ސްމޯޓޯ މައްސަލައެއް ބައްލަވައި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް މައްސަލައެއް ހިންގައި އެކޮމިޝަންގެ ޤާނޫނީ ބާރު ކަނޑުވާލައި، އެކޮމިޝަނުން ޢަމަލުކުރަންޖެހޭ ގައިޑްލައިނެއް ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ކަނޑައަޅާފައިވާ ކަމަށްވެސްވަނީ ބުނެފައެވެ.

ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގައި އެ ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅަޅާފައިވާކަން އެނގެން އޮންނަކަން ފާހަގަކޮށް މި ރިޕޯޓުގައި ވަނީ ޤާނޫނުއަސާސީއިން އުފެއްދި މުއައްސަސާއަކާ މަތިކުރެވިފައިވާ ޤާނޫނީ މަސްއޫލިއްޔަތެއް އަދާކުރުން ހުއްޓުވުމަކީ ދުސްތޫރީ ގޮތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ އިމުން ބޭރުން ކޮށްފައިވާ ޣައިރު ޤާނޫނީ، އަދި އެ ކޮމިޝަންގެ ޤާނޫނީ ވާޖިބަށް ހުރަސް އެޅުމުގެ ޢަމަލެއް ކަމަށްވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމުން މެންބަރުކަމުން ވަކިވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުގެ މައްޗަށް ބަލައި އެއީ ފަނޑިޔާރުންގެ ނިންމުންތަކުގެ ނަޒާހަތްތެރިކަމާއި، ފަނޑިޔާރުގެއާމެދު އޮންނަންޖެހޭ އިތުބާރު ޤާއިމުކޮށް ދެމެހެއްޓުމުގެ ޒިންމާއާ ޚިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ޣައިރު ދުސްތޫރީ ނިންމުމެއްކަމަށްވެސް ބުނެފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ، އާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، އައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނާއިބުރައީސް އާއި ފަނޑިޔާރުންގެ އިތުބާރު ނެތްކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުމުން ކަމަށް އެ ކޯޓުގެ ހުކުމެއްގައި ނިންމާފައިވުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެ ރިޕޯޓްގައިވާގޮތުން އެ ޙުކުމްކޮށްފައިވަނީ، އޭރުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ސަރުކާރުން ހިންގާޕާޓީއިން ވަކިވެ، އެކިއެކި ސިޔާސީ ޕާޓީތަކާ ގުޅި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަސައްކަތްކުރަމުން ގެންދިޔަ ދަނޑިވަޅެއްގައިކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ޙުކުމް ކުރެއްވުމުގެ ބޭނުމަކީ ސިޔާސީ ފަރާތްތަކުގެ މެދުގައި، ޤާނޫނުއަސާސީއިން ހުއްދަކޮށްފައިވާ މިންގަނޑުގެ ތެރޭގައި ހިނގަމުންދިޔަ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ވަކިފަރާތެއްގެ މަސްލަޙަތު ހިމާޔަތްކުރުންކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އެކެއް ފެބުރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެކޯޓުން ފަހުން ބާޠިލުކޮށްފައިވަނީ އެ ފަނޑިޔާރުންގެ މައްޗަށް ސީދާ ގޮތުން ފޯރުވުނު ނުފޫޒަށް ލެނބިގެންކަމުގައި ޤަބޫލުކުރެވޭ ކަމަށްވެސް ޖޭއެސްސީގެ އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް ނިންމުމުގައި ބައިވެރިވި ފަނޑިޔާރުންގެ ނިންމުންތަކަކީ ވަކިފަރާތަކަށް ނުޖެހި، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ތަބާވެ، ތައައްޞުބުން އެއްކިބާވެތިބެ މުސްތަޤިއްލުކަމާއެކު ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އިމުގެތެރޭގައި ނިންމާފައިވާ ނިންމުންތަކެއް ކަމަށް ނުފެންނަ ކަމަށްވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.