ވިޔަފާރި

ސަޕްލިމެންޓަރީ ބަޖެޓް - އެސްއެމްއީތަކަށް ލޯނު ދޫކުރުމަށް 350 މިލިއަން ރުފިޔާ


ބަޖެޓް ސަޕްލިމެންޓްގައި ކުދި ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް 350 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ސަރުކާރުންވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި މިހާރު ސަޕްލިމެންޓަރީ ބަޖެޓް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. އަދި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑު، އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކެއް ވަނީ ހުޅުވާފައެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަޙުމަދު ސަރުވާޝް އާދަމް ވިދާޅުވީ ލޯނަށް އެދި ގިނަ ބަޔަކު އެސްއެމްއީ ބޭންކަށް ފޯމް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ލޯން ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 350 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ސަރުވާޝް ވިދާޅުވިއެވެ.

" އެސްއެމްއީ ބޭންކުގެ ލޯނަށް ވަރަށް ބޮޑު ތަރުޙީބެއް ދަނީ ލިބެމުން، 700 އަށް ވުރެ ގިނަ އެޕްލިކޭޝަން މިހާރުވެސް ލިބިފައޮތީ އެސްއެމްއީ ބޭންކަށް، އިވެލުއޭޝަން އެބަދޭ ކުރިއަށް، އެސްއެމްއީ ބޭންކަށް ކެޕިޓަލް ދޫކުރުމަށް 350 މިލިއަން ރުފިޔާ ވާނެ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި،" ސަރުވާޝް ވިދާޅުވިއެވެ.

ސަރުކާރުން ހުށައެޅި ގޮތަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. އަދި ބެޖެޓުގެ ޑެފިސިޓް 4.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވެއެވެ.

ސަރުކާރުން ވަނީ ޖުލައިމަހުގެ ނިޔަލަށް ބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާވަނީ ލިބިފައެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ތަފްސީލް ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުމުގެ އެންމެބޮޑު ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުންކަމަށެވެ.