އަދާލަތު ޕާޓީގެ
ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
ދައުލަތުގެ
ދައުވާގައި ބުނެފައިވަނީ 'އަނިޔާވެރިކަން
ނިންމުމަށް' މިނަމުގައި، އަދާލަތު ޕާޓީ އިސްވެ އޮވެ މިދިޔަ މަހު އެއްވަނަ
ދުވަހު ކުރި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް، މުޒާހަރާ
ކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ އިމްރާން ގޮވާލުމުން، މުޒާހަރާގެ
ބައިވެރިން ފުލުހުން އަމަން ބަލަހައްޓަމުންދިޔަ ސަރަހައްދަށްވަދެ ބައެއް
ފުލުހުންނަށާއި އާއްމުންގެ މުދަލަށް ގެއްލުންދީ ހަދާފައިވާކަމަށެވެ. ދައުލަތުގެ
ދައުވާއަށް އިމްރާން އިންކާރުކޮށް ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދުމުން ކޯޓުން
އެފުރުސަތު ދީފައިވެއެވެ.
މިރޭގެ ޝަރީއަތުގެ
އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އިމްރާން އަބްދުﷲ ބަންދުގައި ބެހެއްޓުމަށް
ދައުލަތުން އެދެމުން ،ކޯޓުން ވަނީ މިމައްސަލައިގެ ޝަރީއަތް
ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
އަމުރުކޮށްފައެވެ.
ޝަރީއަތް ނިމެންދެން
އިމްރާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ
އެގޮތަށް ނިންމަނީ މައްސަލައިގެ ބާވަތުން ކަންހިނގާފައިވާގޮތުގެ މައްޗަށް ބިނާކޮށް
ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގެ މައްޗަށް
ބެލުމަށްފަހުގައިކަމަށެވެ.
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ
ނައިބު ލީޑަރ އަމީން އިބްރާހިމްއާއި، ސޮބާހް ރަޝީދުގެ މައްޗަށް ދަޢުލަތުން
އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ އަޑުއެހުމެއް މިރެއަށް ތާވަލްކޮށްފައިވެއެވެ.
އެހެންނަމަވެސް މިދެމައްސަލަ ވަނީ ކެންސަލްކޮށްފައެވެ. އެނގިފައިވާގޮތުގައި
މިދެއަޑުއެހުން ކެންސަލްކޮށްފައިވަނީ އަމީން އިބްރާހިމް ، ސޮބާހް ރަޝީދު
ރާއްޖޭގައި ނޫޅުއްވާތީއެވެ.