ޚަބަރު

ކުރީގެ ނާއިބު ރައީސް ޖިހާދާއެކު ރައީސް ޔާމިންގެ އަރިސް ބޭފުޅުންތަކެއް ޖޭޕީއަށް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާއިބު ރައީސްކަން ކުރެއްވި ޢަބްދުﷲ ޖިހާދާއި އޭރުގެ ސަރުކާރުގެ އިސްކޮން އުޅުއްވި ގިނަ ބޭފުޅުންތަކެއް މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީ ސަރުކާރުގެ ނާއިބު ރައީސް ޖިހާދާއި އޭރުގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުގެ އިތުރުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރި މެމްބަރުންތަކެއް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހްގެ އިތުރުން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު އަސްއަދުވެސް ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޖޭޕީއާ ގުޅުނީ ޤާސިމް ކުރައްވާ މަސައްކަތުގައި ބައިވެރިވުމަށް ކަމަށެވެ. އަދި އެ ޕާޓީން ބޭނުންވާ މިސްރާބަށް ގެންގޮސްދިނުމަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ނާއިބު ރައީސް ޖިހާދު ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕޯޑިއަމްތަކުން ގިނަ ގިނައިން ނުފެނުން ނަމަވެސް ދެން ފެންނާނެ ކަމަށެވެ. އަދި ޖުމްހޫރީއަށް ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.

މިރޭ ޖޭޕީއަށް ސޮއިކުރި އެހެން ބޭފުޅުންވެސް ވަނީ ދެން އޮންނަ ރިޔާސީ އިންތިޚާބު ޤާސިމް އިބްރާހިމަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރުމަކީ އެ ބޭފުޅުން ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބު ކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ފަލާހު އާއި ނިހާން ހުންނެވީ ޕީއެންސީގެ ނައިބު ރައީސްކަމުގައެވެ. އަދި ދެން ސޮއި ކުރެއްވި އެހެން ބޭފުޅުންނަކީވެސް ކުރީގެ ރައީސް ޔާމިންއާ ވަރަށް އަރިސްކޮން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.