ޚަބަރު

ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް އެކުލަވާލާ އެކްޝަން ޕްލޭނާގުޅޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފި


ޓެރަރިޒަމާއި ފިކުރީ ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް އެކުލަވާލާ އެކްޝަން ޕްލޭނާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ދެ ދުވަހަށް ކުރިއަށްގެންދާ ބައްދަލުވުން ޝަރަފްވެރިކޮށް ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

މި ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިޔާތުގައި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރޖެނެރަލް ބްރިގޭޑިޔާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓިން ވައިލެންޓް އެކްސްޓްރީމިޒަމްގެ ޑްރާފްޓަށް ހުށައަޅާފައިވާ އިސްލާހްތައް ބަލައިގަނެ އެންމެ ފަހުގެ ޑްރާފްޓް ނިންމާލުން ކަމަށެވެ.

ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ ވިދާޅުވީ ރާއްޖެއިންވެސް ސީރިއާއާއި އެހެނިހެން ހަނގުރާމަ ހިނގާ ޤައުމުތަކަށް ދެ ޖިންސުގެ މީހުންދާ ކަމަށާ މިކަމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

"ކުށެއް ނެތް އެތައް މައުޒޫމް ތުއްތު ކުދިން ޝިކާރައަކަށްވެ އަންހެނުން ނިކަމެތިވެ މުޅި ދުނިޔެ ކުރިމަތީގައި ދިވެހި ރާއްޖެއަށް މި ކަމުގެ ސަބަބުން ހަޑިނަން ލިބެމުންދާކަމީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތެއް. މިކަމުން ދޭހަވަނީ ޓެރަރިޒަމާއި ފިކުރީ ހައްދު ފަހަނައަޅާދިއުމުން ރައްކާތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ އިދާރާއެއްގެ މުހިންމުކަން. ވުމާއެކު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް އުފައްދާ މިދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން،" ޒަކަރިއްޔާ ވިދާޅުވި އެވެ.

މީގެއިތުރުން ޓެރަރިޒަމާއި ފިކުރީ ހައްދުފަހަނާޅައިދިއުމުގެ މައްސަލައަށް އަސްކަރީ ހައްލެއް އެކަނި ގެނެސްގެން އެކަން ނުހުއްޓުވޭނެ ކަމަށާއި އެ މައްސަލައަކީ އިޖްތިމާއީ މައްސަލައެއް ކަމަށް ހުރިހާ ފަރާތްތަކުން ޤަބޫލު ކުރަން ޖެހޭނެ ކަމަށްވެސް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވުމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ފިކުރީ ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް އެކުލަވާލާ އެކްޝަން ޕްލޭނަކި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި ތައްޔާރު ކުރާ އެކްޝަން ޕްލޭނެކެވެ.