ޚަބަރު

ރާއްޖެ، ހަޤިޤީ ލާމަރުކަޒީ ނިޒަމާކާ ދިމާއަށް!


ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިއޮތީ މަރުކަޒީ އުސޫލު ދޫކޮށްލައި ލާމަރުކަޒީ އުސޫލުން ރަށްރަށް ހިންގަންޖެހޭ ގޮތަށްކަމަށް ސާފުކޮށް ބުނެފައި އޮވެއެވެ. ނަމަވެސް އާޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިފަހުން އައި ސަރުކާރުތަކުން ރަށްރަށުގެ ރައްޔިތުންގެ އަތްމައްޗަށް ކަންކަން ދޫކޮށްލަން ފަސްޖެހިފައިވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެކިފަހަރު އެކިބަހަނާ ދައްކައިގެން ލާމަރުކަޒީ ނިޒާމްގައި އޮންނަ ބާރުތައް ކައުންސިލްތަކަށް އޮތީ ނުދީއެވެ. އެކަމަކު މިހާރު އެއީ މާޒީއެވެ. ހަޤިޤީ ލާމަރުކަޒީ ނިޒާމަކާ ދިމާއަށް ރާއްޖެ މިސްރާބު މިހާރު ޖަހާފައިވާތަން މިހާރުވަނީ ފެންނަން ފަށާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެށްޓެވި އެންމެ މުހުންމު މަސައްކަތްޕުޅަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި، ހަޤީޤީ ބާރުވެރިކަން އެނިޒާމަށް ހޯދައިދެއްވުމުގެ މަސައްކަތެވެ.

މިމަސައްކަތްޕުޅުގެ ދަށުން މިހާރުވެސް ވަނީ ޤާނޫނުން ލޯކަލް ކައުންސިލްތަކަށް ދެވޭނެ ބޮޑެތި ބާރުތައް ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް ދެއްވާފައެވެ. ކައުންސިލްތައް ބާރުވެރިކުރުމަށް މިހާރު އަމަލު ކުރަމުންދާ ލާމަރުކަޒީ ގާނޫނުން ދެވޭނެ އެންމެ ފަހި ފުރުސަތުތައް ދެމުންދާކަމަށް ކައުންސިލްތަކުން ވެސް ގަބޫލުކުރެއެވެ.

ފުވައްމުލަކު ސިޓީ މޭޔަރު އަބްދުﷲ ފަލާޙް ވިދާޅުވީ ހަޤިޤީ މާނާގައި ކައުންސިލްތަކަށް ބާރުވެރިކަން ދޭން މިސަރުކާރުން ފަށްޓާވާފައިވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ނަގައި މިނިސްޓްރީތަކާ ކުރީގެ ސަރުކާރުން ޙަވާލުކުރެއްވި ބާރުތައް އަނބުރައި ސިޓި ކައުންސިލަށް މިޙާރު ހޯދާދެއްވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެއާއެކު މިނިސްޓްރީތަކުން ކުރަމުންދިޔަ ގިނަ ކަންކަން ކައުންސިލްގެ ދަށަށް ބަދަލުވެގެން ދިއުން އޭނާފާހަގަ ކުރެއްވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ބޭނުންނަމަ ސިޓީ ކައުންސިލަތާއި ރަށު ކައުންސިލްތަކަށް ކޮންމެހެންވެސް ލިބިދޭން ޖެހޭ މާލީ ބާރުވެރިކަން ލިބިގެންދާނެ ކަމުގެ ފެހި ސިގްނަލްތައް ސަރުކާރުގެ ފަރާތުން ލިބިފައިވާކަމަށް ފަލާހް ފާހަގަކުރެއްވިއެވެ.

"ރައީސް އެވަނީ ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްދެއްވާފައި. އެއާއެކު އެހެން މުވައްސަސާތަކުގެ އެއްބާރުލުން ވެސް ލިބިގެން ފުރިހަމަވެގެން ދާނެ. ރަށުގެ ގިނަ ކަންކަން ކައުންސިލުން ކުރަން ހަވާލުވަމުންދާއިރު އެ ބަދަލާއެކު ފަންނީ މުވައްޒަފުން ނެގުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެއްބާރުލުން ދޭން ޖެހޭ. މުޅިން އާ ބަދަލުތަކާ ދިމާލަށް މިހާރު މިދަނީ،" ލާމަރުކަޒީ ނިޒާމަށް އަންނަމުންދާ ބަދަލާ ގުޅޭ ގޮތުން އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްތަކުގެ އިތުރުން ކުދި އާބާދީތަކާއި މެދުފަންތީގެ އާބާދީ ހިމެނޭ ރަށްރަށުގެ ކައުންސިލްތަކަށްވެސް ފާއިތުވި ދުވަސްތަކުގައި ލިބިފައިނުވާ ބާރުތައް މިހާރުވަނީ ދީފައެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާ ސީދާ ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ބައްދަލު ކުރެއްވައި ރަށްރަށަށް ދަތިތައްޙިއްސާ ކުރުމަށް ލިބިގެންދާ ފުރުސަތުވެސް ފާހަގަ ކުރެވިގެންދެއެވެ.

މީގެއިތުރުން ލާމަރުކަޒީ ޤާނޫނަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހްތަކުން ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުގެ ހެޔޮނިޔަތް އެބައޮތްކަން އެނގެއެވެ.
އެގޮތުން ދައުލަތުގެ ޢާމްދަނީގެ ފަހެއް އިންސައްތަ ކައުންސިލްތަކަށް ޚާއްސަކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލަރުންގެ ޚިޔާލުތަކާއި މަޝްވަރާތައް ހިމަނައިގެން ސަރުކާރުން ޑްރާފްޓް ކުރަމުންދާ ބިލްގެ މަސައްކަތަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްކުރާ މުހިންމު ކަމެކެވެ. އެއިސްލާހްތައް ޤާނޫނަށް ވެގެން ދިއުމުން ރަށްރަށުގެ ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 އިންސައްތަ، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިސާސްގައިވާ ބިމުގެ ކުލީގެ 100 ޕަސަންޓު ކައުންސިލްތަކަށް ދޫކޮށްލެވިގެންދާނެއެވެ. އަދި ކައުންސިލްތަކުން ނަގާ ފީގެ ޢާމްދަނީ ސީދާ ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

މިކަންކަން ވެގެންދާނީ އާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައިވެސް ކައުންސިލްތަކަށް ދެވޭ އެންމެބޮޑު ބާރުވެރިކަމަށެވެ. އެއާއެކު ހަޤިޤީ ލާމަރުކަޒީ ނިޒާމަކަށް ކުރަމުންދިޔަ އިންތިޒާރު ނިމުކަށް އަންނާނެއެވެ.