ޚަބަރު

މަރުވި 5 މީހުންގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި


ހދ.ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ޙާދިސާގައި މަރުވި 5 މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

މަރުވި ފަސް މީހުން ވަޅުލާފައިވަނީ ހަނީމާދޫގައެވެ. އަދި އެމީހުން ވަޅުލާފައިވަނީ އެއް ވަޅެއްގައެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ނޮޅިވަރަންފަރުގެ ޓީޗަރު ޙުސައިން ޢަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މޫސާ، އާއި ޙުސެއިން ޢަބްދުﷲ އާއި މަރިޔަމް މޫސާގެ ދަރިފުޅު ފާތުމަތު ގުރައިޝާގެ އިތުރުން ގުރައިޝާގެ ދަރިފުޅު އިރާ ޙަސަން ޝިފާޒުއެވެ. މީގެ އިތުރުން އައިޝަތު އަލީ ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.

އެމީހުންގެ މޫނު ބެލުމާއި ކަށުނަމާދުގައި ބައިވެރިވުމަށް ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހަނީމާދޫއަށް ގޮސްފައެވެ. އަދި ހަނީމާދޫގައި ތިބި ގިނަ އަދަދެއްގެ މީހުން އެމީހުންގެ ޖަނާޒާގައި ވަނީ ބައިވެރިވެފައެވެ.

ފަސް މީހުންގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ ރޭ ދަންވަރު 2:00 ގައި ހދ. ހަނިމާދޫ މަސްޖިދުލް މޫސާ އަލީގައެވެ.

އިއްޔެ ހިނގި އެ ހާދިސާގައި 10 މީހުންނާއެކު ދަތުރުކުރި ލޯންޗުގެ ކެޕްޓަނަކަށް ހުރީވެސް ނިޔާވި ޙުސެއިން ޢަބްދުﷲގެ ޢާއިލާގެ މީހެކެވެ. ލޯންޗު ބަންޑުންޖަހާލައި މީހުން ގެއްލުނު ކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ދިނީ އޭނާއެވެ. އެއާއެކު ސިފައިން އެސަރަޙައްދަށްގޮސް މީހުން ހޯދުމުގެ މަސައްކަތްކުރިއިރު ރަށުގެ ޢާއްމުންގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކަނޑުގަދަވެ ޖެހި ރާޅެއްގައި ލޯންޗު ބަންޑުންޖަހާލުމާ ގުޅިގެންނެވެ.