ޚަބަރު

ހާޝިމަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރެއްވުމަށް ރުހުންދޭން މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ކުރީގެ ފިނޭސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަލީ ހާޝިމް ގަވަރުނަރގެ މަޤާމަށް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާތުންނެވެ. އެ މަޤާމަށް އޭނާ އައްޔަން ކުރުމާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހުޅުވާލެއްވިއެވެ. އެ ފުރުޞަތުގެ ޢަލީ ހާޝިމް އެ މަޤާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މީހަކު ޚިޔާލެއް ހުށައަޅާފައިނުވާއިރު ހަމައެކަނި ޚިޔާލެއް ހުށައަޅާފައިވާ ފަރާތުން ހުށައަޅާފައި އޮތީ އެ މަޤާމަށް އޭނާގެ ޤާބިލްކަން ފާހަގަކޮށް ހުށައަޅާފައިވާ ޚިޔާލެއް ކަމަށް ކޮމެޓީން މައުލޫމާތުދެއެވެ.

ޢަލީ ހާޝިމް ގަވަރުނަރަކަށް އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ފާސްކުރުމުން އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމާމެދު ދެން ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުންނެވެ.

ޢަލީ ޙާޝިމް ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރަށް ފިނޭސް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

މަޖިލީހުން ފާސްކުރެއްވި އައު ޤަވާއިދުގައިވަނީ މިނިވަން މުވައްސަސާތަކަށް އައްޔަންކުރައްވާ ބޭފުޅުންނާއި ކޮމިޓީން ކުރައްވާ އިންޓަރވިއު ޓީވީން ވަގުތުން ގެނެސްދޭންޖެހޭކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޢަލީ ހާޝިމްއާ ކުރެއްވި އިންޓަރވިއު އަކީ އައު ޤަވާއިދުގެ ދަށުން މަޖިލީހުގެ ކޮމިޓީއަކުން ކުރެއްވި އިންޓަރވިއު ޓީވީން ވަގުތުން ގެނެސްދިން ފުރަތަމަ ފަހަރެވެ.

ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ.